ޔޯގާ އާއި މިއުޒިކު ފަދަ ކަންކަމަކީ ކަނޑައެޅިގެން ވަރަށް ސާފުކޮށް ހަރާމް ކަމެއްތޯ ނުވަތަ ނޫންތޯ ބުނީމަ އެކަމަކާ ނޫޅުއްވާނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް މިއަދު ވިދާޅުވެއްޖެ އެވެ.
މި މަހުގެ 21 ވަނަ ދުވަހު ރާއްޖޭގައި އިންޓަނޭޝަނަލް ޔޯގާ ޑޭ ފާހަގަކުރުމަށް ބޭއްވި އިވެންޓާ ގުޅޭގޮތުން މަޖިލީހުގެ މިއަދު ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ސުވާލު ކުރެއްވުމުން މަހްލޫފް ވިދާޅުވީ ޔޯގާ މައްސަލައަކީ މިހާރު ސީދާ ސިޔާސީ ބޭނުމެއްގައި ބަޔަކު ކުރަމުންދާ ކަމެއް ކަމަށެވެ.
"އަޅުގަނޑު ވަރަށް ސާފުކޮށް ބުނަން ބޭނުން ވަނީ ޔޯގާ އާއި މިއުޒިކާއި ދެން އޮތް ކަމަކާ މި ހުރިހާ ކަމެއްގައި ހަރާމްތޯ ހަރާމް ނޫންތޯ ސާފުކޮށް ބުނީމަ، އަޅުގަނޑުމެން އެ ހިސާބުން އެކަމަކާ ނޫޅޭނަން،" މަހުލޫފް ވިދާޅުވި އެވެ.
މަހްލޫފް ވިދާޅުވި ގޮތުގައި ރުޅިވެރިކަމާއި ނަފްރަތު އުފައްދައިގެން މިކަމުގެ ނަތީޖާއަކަށް ވެފައި އޮތީ ވެރިކަމަށް ބަޔަކު އައުމެވެ. އަދި އެ މަސައްކަތް ކުރަނީ ވަރަށް ބޮޑަށް އޮޅުވާލައިގެން ކަމަށް މަހްލޫފް ވިދާޅުވި އެވެ.
"އެކަމަކު މިހެން ހިލާފު އުފެދިފައި ތަފާތު ވިސްނުން ހުރި ކަންކަން ވަކި ޝައިހަކު އެއީ ހަރާމޭ ބުނީމަ ދެން އަޅުގަނޑުމެން ގަބޫލުކުރަންވީތޯ؟ އަޅުގަނޑުމެން ގަބޫލެއް ނުކުރަމޭ އެ ޝައިހެއް. އަޅުގަނޑު ގަބޫލުކުރަނީ އެހެން ޝައިހެއް ދައްކާ ވާހަކަ. އެހެންވީމަ އެ ޝައިހް ބުނާގޮތަށް އަޅުގަނޑުމެން އުޅޭނީ. އަޅުގަނޑުމެން ނުޖެހޭ ނޫންތޯ މި ޝައިހް ބުނާ ގޮތަކަށް އުޅޭކަށް،" މަހްލޫފް ވިދާޅުވި އެވެ.
ގަލޮޅު ދަނޑުގައި ބޭއްވި ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު މަހްލޫފާއި، އިންޑިއާ ސަފީރު މުނޫ މަހާވަރު އާއި ބައެއް އެހެން ސަފީރުންނާއި ބޭރުގެ ޑިޕްލޮމެޓުން ބައިވެރިވެވަޑައިގެންނެވި އެވެ.
ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތުގެ ތެރެއަށް ބަޔަކު ވަދެގަނެ ހަމަނުޖެހުން ހިންގައި މީހުންނަށް ހަމަލާދީ މުދަލަށް ގެއްލުން ދިން މައްސަލައިގައި މިހާތަނަށް 21 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
މަހޮލޫފް ކަލޯމެންގެ ޝޭޚަކަށް ވާނީ އެކަންތަށް ހުއްދައޭ ބުނާ މީހެއް
ޝުބުހަ އުފެދޭ ކަންކަމުން ދުރުވާށޭ އޮންނަނީ !