މާލޭގެ މަގު ހެދުމުގެ މަޝްރޫއު ސިޓީ ކައުންސިލްގެ އަތުން އަތުލީ، ހެދިފައިވާ އެއްބަސްވުމާއި، ގާނޫނާއި ހިލާފަށް ކަމަށް ބުނެ އެ މައްސަލައިގައި ކޯޓަށް ދާން ކައުންސިލުން ނިންމައިފި އެވެ.

މަގު ހެދުމުގެ މަޝްރޫއު އަތުލި މައްސަލާގައި މާލެ ސިޓީ ކައުންސިލުން ކަމާ ބެހޭ އިދާރާތަކަށް މައްސަލަ ހުށެއެޅުމަށް ނިންމާފައިވަނީ އެކައުންސިލުގެ 59 ވަނަ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށާއި، ރައްޔިތުންގެ މަޖިލީހަށާއި، ލޯކަލް ގަވާރމެންޓް އޮތޯރިޓީއަށާއި، ކޯޓަށް ހުށައެޅުމުގެ އިތުރުން އެ މައްސަލަ އޭސީސީއަށް ވެސް ހުށަހެޅުމަށް ކައުންސިލުން ވަނީ ނިންމާފަ އެވެ.

އަދި ރައްޔިތޔުންގެ މަޖިލީހަށް ސިޓީ ފޮނުވުމަށް ނިންމާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީއާ ބައްދަލުކުރުމަށެވެ. މިކަމާ ގުޅިގެން މަޝްވަރާ ކުރުމަށް ސިޓީ ފޮނުވަން ނިންމި ތިން ވަނަ ތަނަކީ ލޯކަލް ގަވާމެންޓް އޮތޯރިޓީ އެވެ.

ކޯޓަށް މައްސަލަ ހުށަހެޅުމަށް ނިންމާފައިވަނީ މާލޭ ސިޓީ ކައުންސިލުން ކުރުމަށް ހަވާލުކޮށްފައިވާ މަސައްކަތެއް ސަރުކާރުގެ އެހެން ވުޒާރާއަކުން ހިންގުމަށް އަތުލުމާ ގުޅިގެން އެކަމުގެ ގާނޫނީ ހައްލު ހޯދުމަށެވެ.

އަދި އެންޓި ކޮރަޕްޝަން ކޮމިޝަނަށް އެކަން ހުށަހަޅަން ނިންމާފައިވަނީ ކުރިން 39 މިލިއަނަށް ކުރުމަށް ނިންމާފައިވާ މަސައްކަތެއް 84 މިލިއަން ރުފިޔާއަށް ކުރުމަށް ހަމަ އެއްބަޔަކާ ހަވާލުކުރުމުން އެކަމުގައި ކޮރަޕްޝަނުގެ މައްސަލައެއް އޮތްތޯ ބެލުމަށެވެ.

މި އިދާރާތަކާ ބައްދަލުކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމާފައިމިވަނީ 39 މިލިއަން ރުފިޔާއަށް ކުރުމަށް ހަވާލުކުރި މާލެ ސިޓީގެ މަގުހެދުމުގެ މަސައްކަތް 84 މިލިއަނަށް އެމަސައްކަތް ކުރުމަށް ޕްލޭނިން މިނިސްޓްރީން ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނާ އަލުން ހަވާލުކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.