އަލަށްއެކުލަވާލި ނެޝަނަލް ބޮޑީބޯޑިން ސީނިއާ ޓީމާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލުކުރައްވައިފި އެވެ.

މިބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސް އޮފީހުގަ އެވެ.

މިބައްދަލުކުރެއްވުމުގައި ވަނީ، އައިބީސީ ބޮޑީބޯޑިން ވޯލްޑު ޓުއާގައި، ރާއްޖޭގައި ބާއްވާ މުބާރާތްކަމުގައިވާ، ވިޒިޓް މޯލްޑިވްސް ޕްރޯ-2022ގައި ރާއްޖެ ތަމްސީލްކުރާ، ނެޝަނަލް ބޮޑީބޯޑިން ޓީމުގެ ޖާޒީ އާއި ރާއްޖޭގެ ޓީމް ޕްރޮމޯޓްކުރުމަށް ބޭނުން ކުރާ ޓީޝާޓު ރައީސް ސޯލިހަށް ވެދުމަށް އަރުވާފަ އެވެ.

ޓީމާ ބައްދަލު ކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި މޫދުކުޅިވަރުގެ ހަރަކާތްތައް ބޭއްވުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާކަން ފާހަގަކުރައްވައި، މިމުބާރާތުގައި ބައިވެރިވާ ރާއްޖޭގެ އެތުލީޓުންނަށް ކާމިޔާބީއަށް އެދިވަޑައިގެން، ހިއްވަރުދެއްވި އެވެ. އަދި ބޮޑީ ބޯޑިންގއަކީ ރާއްޖޭގައި ކުރިއަރުވައި ތަރައްގީކުރުމަށް ފުރުޞަތު އޮތް ކުޅިވަރެއްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މީގެއިތުރުން ރާއްޖެއަކީ ވަށައިގެން މޫދު އޮތް ގައުމަކަށް ވާއިރު، ރާއްޖޭގައި މޫދުކުޅިވަރުތައް ކުރިއަރުވައި ތަރައްގީކުރުމަކީ ފަސޭހައިން ކުރެވޭނެ ކަމެއް ކަމުގައިވެސް ވިދާޅުވި އެވެ. އަދި ކޯވިޑްގެ ދަތިކަމާއި އެކުވެސް ފާއިތުވި 2 އަހަރުގެ ތެރޭގައި މިހާތަނަށް ބޭއްވިފައި ނުވާހައި ގިނަ ބައިނަލްއަޤުވާމީ މުބާރާތްތައް ރާއްޖޭގައި ބޭއްވިފައިވާކަންވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފަ އެވެ.

މިބައްދަލުކުރެއްވުމުގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި މިއަހަރު ބޮޑީބޯޑިން ބައިނަލްއަގުވާމީ މުބާރާތެއް ބޭއްވޭނެކަން ރިޔާސީ ބަޔާނުގައި ރައީސް ހާމަކުރައްވާފައިވާ ކަން ފާހަގަކުރައްވައި، މޫދުކުޅިވަރު ކުރިއެރުވުމަށް ރައީސް އާއި ސަރުކާރުގެ ފަރާތުން ދެއްވާ އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރުއަދާކުރެއްވި އެވެ. އަދި މިމުބާރާތުގައި ބައިވެރިވާ އިންޓަރނޭޝަނަލް އެތުލީޓުންގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުވެގެންދާނެކަންވެސް މިނިސްޓަ ފާހަގަކުރެއްވި އެވެ.

މިބައްދަލުކުރެއްވުމުގައި ނެޝަނަލް ބޮޑީބޯޑިން ސީނިއާ ޓީމުގެ އޮފިޝަލުން ވަނީ މުބާރާތާ ބެހޭ މައުލޫމާތު ރައީސް ސޯލިހާ ހިއްސާކުރައްވާފަ އެވެ. މިގޮތުން މިހާތަނަށް މިމުބާރާތުގައި ރާއްޖޭގެ އެތުލީޓުންގެ އިތުރުން 100 ވުރެ ގިނަ އިންޓަނޭޝަނަލް އެތުލީޓުން ބައިވެރިވެފައިވާކަމާއި، އެ އެތުލީޓުންގެ ތެރޭގައި ބޮޑީބޯޑިންގ ގެ ވޯލްޑް ޗެމްޕިއަނުން ހިމެނޭކަންވެސް ފާހަގަކުރެއްވި އެވެ.

މިމުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި މިމަހުގެ 27ގައި ހަމަވާއިރު، މިހާތަނަށް ދުނިޔޭގެ 13 ޤައުމެއްގެ އެތުލީޓުން ވަނީ މުބާރާތުގައި ބައިވެރިވެފަ އެވެ. މިމުބާރާތް ކުރިޔަށްދާނީ، ޖުލައި 29 އިން އޮގަސްޓް 7ށް މާލޭގަ އެވެ. މިއީ ދެކުނު އޭޝިއާ ސަރަހައްދުގައި ބާއްވާ ބައިނަލްއަޤުވާމީ މިފަދަ ފުރަތަމަ މުބާރާތެވެ.