ޔޯގާ މައްސަލާގައި ދީނީ އިލްމުވެރިން އެއްޗެއް ވިދާޅުވެފައިވަނީ ދިރާސާގެ އަލީގައި ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް އެކަމާ އެއްޗެއް ވިދާޅުވާން ޖެހޭނީ ދިރާސާއެއް ކުރައްވައިގެން ކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
ޑރ. ޖަމީލް މިފަދައިން ވިދާޅުވީ ޔޯގާ މައްސަލާގައި ދީނީ އިލްމުވެރިން ދިރާސާއެއް ކުރެއްވުމަށް ފަހު ޔޯގާއަކީ ހަރާމްކަމެއް ކަމަށް ވިދާޅުވެފައިވާ ވަނިކޮށެވެ. އެހެން ނަމަވެސް ކުރީގެ ރައީސް މައުމޫނާއި ރައީސް ނަޝީދު ވިދާޅުވީ އެއީ ހަރާމް ކަމެއް ނޫން ކަމަށެވެ.
މިކަމާ ގުޅިގެން ޑރ. ޖަމީލް ކުރެއްވި ޓްވީޓްގައި ވިދާޅުވީ ޔޯގާ މައްސަލާގައި އިލްމުވެރިން އެއްޗެއް ވިދާޅުވެފައިވަނީ ދިރާސާއެއްގެ އަލީގައި ކަމަށެވެ. އަދި ރައީސް ނަޝީދާއި ރައީސް މައުމޫން ދީނީ ކަމެއްގައި ދެން އެއްޗެއް ވިދާޅުވާންވާނީ ދިރާސާއެއް ކުރައްވައިގެންކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ. އަދި އެއީ އިލްމީ މައިދާނުގައި ކަންއޮންނަ ގޮތްކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން ޑރ. ޖަމީލް ވަނީ އަދާލަތުން ނެރެފައިވާ ފަތުވާ ކަމުނުދަނީ މާއިދާ ސޫރަތުގެ ދެ ވަނަ އާޔަތް ހަނދާން ނައްތާލާފައިވާތީ ކަމަށް ވެސް ވިދާޅުވެފަ އެވެ.
މައުމޫން ވިދާޅުވެފައިވާ ގޮތުގައި ޔޯގާ ހެދުމުގައި ޝިރުކުގެ އަމަލެއް ނުހިމެނޭ ނަމަ ކަސްރަތެއްގެ ގޮތުގައި ޔޯގާ ހެދުމަކީ އެއްވެސް މައްސަލައެއް ނޫނެވެ. އަދި ޔޯގާ އާއި އިސްލާމް ދީނާ ގުޅުވައިގެން ވާހަކަ ދެއްކޭނެ ސަބަބެއް ވެސް ނެތް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ޔޯގާއަކީ ހަރާން ކަމެއް ކަމަށް ބުނެ އަދާލަތު ޕާޓީގެ އިލްމުވެރިން ނެރުނު ރައުޔާ ގުޅިގެން ނަޝީދު ވިދާޅުވީ ޔޯގާ އަކީ ޝިރުކެއް ކަމަށް ދަންނަ ބޭކަލުންގެ އިޖުމާއެއް ނެތް ކަމަށާއި ވަކި ބައެއްގެ ފަލްސަފާ އަކީ އިސްލާމް ދީނުގެ ހުކުމެއް ކަމަށް ބަލައިގަންނަން ދަތި ކަމަށެވެ. ނަޝީދުގެ އެ ވާހަކަތަކާ ގުޅިގެން ދީނީ އިލްމުވެރިންގެ ބޮޑެތި ފާޑުކިޔުންތައް އަމާޒުވެ، ނަޝީދަށް ފިޔަވަޅު އަޅަން ވެސް ގޮވާލާފައިވެ އެވެ.
މީގެ އިތުރުން މައުމޫން ޔޯގާއާ ގުޅޭ ގޮތުން ދެއްކެވި ވާހަކަތަކާ ގުޅިގެން ވެސް ބޮޑެތި ހިޔާލު ތަފާތުވުންތަކެއް ވަނީ އުފެދި އެވެ.
ޔޯގާ މައްސަލާގައި ރާއްޖޭގެ 104 ދީނީ އިލްމުވެރިޔަކު އިއްޔެ ނެރުއްވި ފަތުވާއެއްގައި ވަނީ އެއްވެސް ހައިސިއްޔަތަކުން ޔޯގާ ހެދުމަކީ މުސްލިމުންނަށް ހަރާން ކަމަށް ބުނެފަ އެވެ.