ޔޯގާއަކީ އިސްލާމް ދިނުގައި ހަރާމް ކަމެއް ކަމަށް ބުނުމުގެ ޖާގައެއް ނެތް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ވިދާޅުވި ވާހަކަތަކަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތާއީދު ކުރައްވައިފި އެވެ.

މީގެ ކުރިން ރައީސް މައުމޫނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޔޯގާއާ ގުޅިގެން ރައީސް މައުމޫން ކޮށްފައިވާ ދިރާސާއަށް ތާއީދު ކުރައްވާ ކަމަށެވެ.

ޔޯގާ މައްސަލާގައި ރައީސް މައުމޫނު ކޮށްފައިވާ ދިރާސާ ރިޕޯޓްގައި ބުނެފައިވަނީ އިންސާނާ ކުރާ ކަންތައްތަކުގެ ތެރެއިން ހުއްދަ ކަންތައްތަކާއި ހަރާމް ކަންކަން ކަނޑައަޅުއްވާ ހަމައެކަނި ފަރާތަކީ މާތްﷲ ކަމަށާއި މާތްﷲ ހަރާމް ކުރެއްވިކަން ސާބިތުނުވާ ކަންކަމަކީ ހަރާމް ކަމެއް ކަމުގައި ބުނުމުގެ ހައްގު އެއްވެސް އިންސާނަކަށް ނޯންނާނެ ކަމަށާއި ޔޯގާ އާއި މިއުޒިކަކީ ހަރަމް އެއްޗެއް ކަމަށް ބުނުމުގެ ފުރުސަތު ނެތް ކަމަށެވެ.

ހަރާމް ކަމަކީ އެ ކަމެއް ކުރުން މާތްﷲ މުޅިން މަނާކުރައްވާފައިވާ ކޮންމެ ކަމެއް ކަމަށާއި ކަމެއް ކުރުން މާތްﷲ މަނާކުރައްވާފައިވާކަން އެނގޭނެ ގޮތްތަކެއް ވެސް ވާ ކަމަށް މައުމޫންގެ ދިރާސީ ރިޕޯޓްގައި ވަނީ ވިދާޅުވެފަ އެވެ. އަދި އޭގެ ތެރެއިން އެންމެ ފާޅުކަން ބޮޑު ގޮތަކީ ގުރުއާން ނުވަތަ މާތް ރަސޫލާގެ ބަސްފުޅަކުން އެކަން އެނގެން އޮތުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

މައުމޫން ވިދާޅުވީ އިސްލާމްދީނުގައި ހަރާމް ކުރައްވާފައިވާ ކަންކަމަށް ބަލާއިރު އިސްލާމް ދީނަކީ ލުއި ފަސޭހަ، އަދި ހުރިހާ ޒަމާނަކަށާއި ތަނަކަށް އެކަށީގެންވާ ނިޒާމެއްކަން ސާބިތުކޮށްދޭ ވަރަށް މުހިއްމު ކަމަކަށް ސަމާލުކަން ދޭން ޖެހޭ ކަމަށެވެ. އަދި އެކަމަކީ ހަރާމް ކުރައްވާފައި ނުވާ ކޮންމެ ކަމަކީ ހުއްދަ ކަމެއް ކަމުގައި މާތްﷲ ކަނޑައަޅުއްވާފައިވާ ކަނޑައެޅުއްވުމެއްކަމަށްވެސް މައުމޫން ވިދާޅުވެފައިވެ އެވެ.

މީގެއިތުރުން ގައުމީ ނުވަތަ އިޖުތިމާއި މުނާސަބަތުތައް ފާހަގަކުރުމާއި އިންސާނީ ގުޅުންތައް ބަދަހިކުރުމަށް ކުރެވޭ ކަންކަމާއި އުފަން ދުވަސް ފާހަގަކުރުމާއި އެކިއެކި ކުޅިވަރު ކުޅުމާއި މުނިފޫހިފިލުވުމަށް ކުރާ ކަންކަމާއި އިސްލާމްދީނުގެ އުސޫލުތަކާއި ފުށުނާރާގޮތުގެ މަތިން ޔޯގާ ފަދަ ސިއްހީ ނުވަތަ ނަފްސާނީ ދުޅަހެޔޮކަން ބަދަހިކޮށް ވަރުގަދަ ކުރުމަށްޓަކައި ކުރާ ކަސްރަތުތަކާއި ލަވަކިޔުމާއި މިއުޒިކް ކުޅުން ފަދަ ކަންކަމަކީ ހަރާމް ކަމެއް ކަމަށް ބުނެވެން ނެތް ކަމަށްވެސް މައުމޫން ވިދާޅުވެފައިވެ އެވެ.

އެމަނިކުފާނު ވިދާޅުވީ އެ ކަންތައް ކުރުމުގައި ވެސް ހަރާމްކަމެއް އެކުލެވިގެންވާ ނަމަ ނުވަތަ އެކަމަކީ ހަރާމް ކަމަކަށް އަރައިގަތުމަށްޓަކައި ބޭނުންކުރެވޭ ވަސީލަތަކަށްވާ ނަމަ، އެކަމެއް ހަރާމް ވާނެ ކަމަށެވެ.

މިމައްސަލައިގައި ރައީސް މައުމޫން ދިރާސާ ކަރުދާހެއް ނެރުއްވާފައިވާއިރު، ޔޯގާ އަކީ ހަރާމް އެއްޗެއް ކަމަށް ބުނެ އަދާލަތު ޕާޓީ އާއި އިތުރު އިލްމުވެރިންތަކެއްވެސް ވަނީ ދިރާސީ ރިޕޯޓެއް ނެރުއްވާފަ އެވެ.

ޔޯގާ މައްސަލާގައި ދިވެހިން މެދުގައި ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާއިރު "އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް" އަށް އަދިވެސް ވަނީ މެންބަރުން އައްޔަންވެސް ނުކޮށެވެ. އަދި މިކަމާއި ގުޅިގެން ސަރުކާރުން ވަކި އެއްޗެއް ހާމަކޮށްފައިނުވާތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.