ރުއިމަކީ ބަލިކަށި ކަމުގެ ނިޝާނެއްގެ ގޮތުގައި އަހަރުމެންގެ ތެރޭގައި ދެކެވިފައި އޮވެ އެވެ. ނަމަވެސް ހާލަކުން ފަހަރަކު ހިތް ފުރެންދެން ރުއިމަކީ ސިއްހަތަށް ކިހާ ފައިދާހުރި ކަމެއްކަން އެނގޭނަމަ އެ ގަބޫލު ކުރުންތައް ނުގެންގުޅޭނެކަން ޔަގީނެވެ. މި ލިޔުމުގައި މި ބަލާލަނީ މިގޮތަށް ރުއިމުގެ ބައެއް ފައިދާ ތަކަށެވެ.

ފުރަތަމަ ކަމަކަށް، ކަމަކާއި މާބޮޑަށް ހިތް ދަތިވެ ފިކުރު ބޮޑު ވެގެން ރޮވުމުން، ހަށިގަނޑުން އެ ހުރިހާ ފިކުރުތަކެއް ބޭރުވާނެ އެވެ. އަދި މީގެ އިތުރުން ރުއިމުގެ ސަބަބުން ލޮލުގެ ކަޅި ސާފުވެ ލޮލަށް ކޮނެމެވެސް ވަރަކަށް އަރާމުކަން ލިބޭނެ ކަމަށް އެމެރިކަން ސައިކޮލޮޖިކަލް އެސޯސިއޭޝަނުން 2014 ވަނަ އަހަރު ޝާޢިއު ކުރި އާޓިކަލްއެއްގައި ބުނެފައިވެ އެވެ.

އަދި މީގެ އިތުރުން ލިބޭ އަނެއް ފައިދާ އަކީ ރުއިމުގެ ސަބަބުން ކަންކަމާ މެދު ގޯސްކޮށް ވިސްނާ ވިސްނުންތައް ފިލައިގެން ގޮސް ކަންތައްތަކާ މެދު ރަނގަޅަށް ވިސްނޭނެ ގޮތް މެދުވެރި ވުމެވެ. އަދި ދިމާވެފައިވާ ކަންކަމަށް އަމިއްލައަށް ހައްލެއް ވެސް ހޯދަން ވެސް ރުއިމުގެ ސަބަބުން ފަސޭހަ ވެގެންދެ އެވެ.

މީގެ އިތުރުން، ހިތް ފުރެންދެން ރޯލުމުން މޫޑު ރަނގަޅުވެ، އިރުކޮޅެއް ފަހުން ވަރަށް ބޮޑަށް ހިތްހަމަ ޖެހިގެން ހުރެވެ އެވެ.

ސިއްޙީ ފައިދާ އަކަށް ބަލާނަމަ ބެކްޓީރިއާތައް މަރާލާ ހަށިގަނޑުގެ ދިފާއީ ނިޒާމު ވެސް ވަރުގަދަ ކޮށްދެ އެވެ. ބައެއް ފަހަރު ބޭރު ކުރަން ޖެހި ނަމަވެސް ބޭރު ނުކުރެވި ހުންނަ ބައެއް އިހުސާސްތައް ރުއިމުގެ ސަބަބުން ފަސޭހައިން ބޭރުކުރެވެ އެވެ. މިއީ ވެސް ރުއިމުގެ ސަބަބުން ލިބޭ ފައިދާ އެކެވެ.

އެހެން ކަމުން ރުއިމަކީ ޙަޤީޤަތުގައި އާދައިގެ ކަމެއްގެ އިތުރުން ބައެއް ފަހަރު ވަރަށް ފައިދާ ހުރި ކަމެކެވެ. އަދި މިއީ ލަދު ގަންނަން ޖެހޭ ކަމެއް ވެސް ނޫނެވެ.