ރަސްމީ ދަތުރުފުޅެއްގައި ޗީފް އޮފް ޑިފެންސް ފޯ މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް އިންޑިއާއަށް ވަޑައިގެންފި އެވެ.

އެމްއެންޑީއެފްއިން ބުނީ ޝަމާލްގެ މިދަތުރުފުޅަކީ އިންޑިއާގެއިންޑިއާގެ ޗީފް އޮފް އާމީ ސްޓާފް، ޖެނެރަލް މަނޯޖް ޕާންޑޭގެ ރަސްމީ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

އިއްޔެއިން ފެށިގެން ހަ ދުވަހުގެ މުއްދަތަށް ޗީފް އޮފް ޑިފެންސް ފޯސް ކުރައްވާ މި ދަތުރުފުޅުގެ ތެރެއިން، އެމަނިކުފާނު ވަނީ މިއަދު އިންޑިއާގެ ނޭޝަނަލް ވޯ މެމޯރިއަލްއަށް ޒިޔާރަތްކުރައްވައި، ޝަހީދުންނަށް އިހްތިރާމް އަދާކުރުމުގެ ގޮތުން އެ މެމޯރިއަލްގައި މާބޮނޑިއެއް ބާއްވަވާފަ އެވެ. އިންޑިއާގެ ނޭޝަނަލް ވޯރ މެމޯރިއަލްއަށް ޗީފް އޮފް ޑިފެންސް ފޯސް ޒިޔާރަތްކުރެއްވުމުން، އެމަނިކުފާނުގެ ޝަރަފުގައި އިންޑިއާ ސިފައިން ގާޑް އޮފް އޮނަރއެއް އެރުވި އެވެ.

މި ދަތުރުފުޅުގައި، ޗީފް އޮފް ޑިފެންސް ފޯސް ވަނީ، އިންޑިއާގެ ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް މަނޯޖް ޕާންޑޭގެ އިތުރުން އިންޑިއާގެ ޑިފެންސް ސެކްރެޓަރީ އަޖޭ ކުމާރާއި، ނޭޝަނަލް ސެކިޔުރިޓީ އެޑްވައިޒަރ އަޖިތު ޑޮވާލްއާއި، ޗީފް އޮފް ނޭވީ ސްޓާފް އެޑްމިރަލް އާރް. ހަރީ ކުމާރު އަދި ޗީފް އޮފް އެއަރ ސްޓާފް، އެއަރ ޗީފް މާޝަލް ވީއާރް ޗައުދަރީގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތް ކުރައްވާ، އެ ބޭފުޅުންނާ ބައްދަލުކުރައްވާފަ އެވެ.

މި ބައްދަލުވުންތަކުގައި، ދިވެހި ސިފައިންނަށް ތަމްރީނާއި ވަސީލަތްތަކާއި އަދި އެމްއެންޑީއެފްގެ ކެޕޭސިޓީ ވަރުގަދަކުރުމުގައި އިންޑިއާގެ އަސްކަރިއްޔާއިން ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި، ޗީފް އޮފް ޑިފެންސް ފޯސް އެ ބޭފުޅުންނަށް ޝުކުރު އަދާކުރެއްވި އެވެ. އަދި، ކުރިމަގުގައި ވެސް، ދިވެހި އަސްކަރިއްޔާގެ ކުރިއެރުމަށް ކުރެވޭ މަސައްކަތްތަކުގައި އިންޑިއާގެ އަސްކަރިއްޔާއިން އިތުރަށް އެއްބާރުލުން ހޯދުމާއި މެދު އެބޭފުޅުންނާ މަޝްވަރާކުރެއްވި އެވެ. މީގެއިތުރުން، ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގައި، ދެ ގައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރުމުގެ މުހިންމުކަމާ ބެހޭގޮތުން ވެސް އެބޭފުޅުންނާ މަޝްވަރާކުރައްވާފައިވެ އެވެ.

މި ދަތުރުފުޅުގެ ތެރެއިން، ސިފައިންގެ އަސްކަރީ ޢަދުލުގެ ނިޒާމް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް އިންޑިއާގެ އިންސްޓިޓިއުޓް އޮފް މިލިޓަރީ ލޯވ އަށް ވެސް މިއަދު ޒިޔާރަތް ކުރެއްވި އެވެ.