އިނގިރޭސިވިލާތުގެ ރެސްޓޯރެންޓެއްގައި އިންނަވަނިކޮށް ފޯނު ފޭރިގަތްފައިވަނީ ސަލާންޖަހަން ކަމަށް ހެދިގެން އުޅުނު މީހެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދުގެ ފޯނު ފޭރިގަތްފައިވަނީ އެމަނިކުފާނުގެ ދަރިކަބަލުން މީރާ ލައިލާ ނަޝީދާއެކު ރެސްޓޯރެންޓެއްގައި މެންދުރުގެ ފަރީކޮޅެއްގައި އިންނަވަނިކެވެ.

މިހާދިސާއާ ބެހޭ ގޮތުން "މިހާރު" ނޫހަށް ދެއްވި އިއްޓަވިއުއްގައި ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ފޯނު ޖަހައިގެންފައިވަނީ ސަލާންޖަހަން ކަމަށް ހެދިގެން އުޅުނު މީހަކު މޭޒުކައިރީގައި ހުރުމަށްފަހު ކަމަށެވެ. އަދި އޭނާ ފޯނު ހިފައިގެން ދުއްވައިގަތީ އޭނާއަށް ލާރިއެއް ދިނުމަށް ލާރި ނަގަން އުޅެނިކޮށް ކަމަށް ނަޝީދު ވިދާޅުވި އެވެ.

މިކަމާ ސެކިއުރިޓީގެ އެއްވެސް އިހުމާލެއް ނެތް ކަމަށާއި އެވަގުތުވެސް ސެކިއުރިޓީ އެހެން މޭޒެއްގައި އިންނެވި ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި ސެކިއުރިޓީ އެހެން މޭޒެއްގައި އިންނެވީ ދަރިފުޅާއިއެކު ޕްރައިވެޓް ވަގުތުކޮޅެއް ބޭނުންވާ ކަމަށް އެދުމުން ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ޔޫކޭއަށް ވަޑައިގަތީ މިދިޔަ މަހުގެ 22 އިން 28 އަށް ސީޝެލްއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު އެވެ.

ރައީސް ނަޝީދު ފޯނު ފޭރިގަތުމާއި ގުޅިގެން ރޭ ވަނީ މަޖިލީހުގެ ގްރޫޕްތަކުންނާއި، އެނޫން އެކައުންޓުތައް ވެސް ވަގުތީ ބޭނުން ކުރުން ހުއްޓާލާފަ އެވެ. ނަމަވެސް މިއަދު އަނެއްކާ ވެސް އެހެން ފޯނެއް ބޭނުންކޮށްގެން އެޕްލިކޭޝަންތައް ބޭނުން ކުރައްވަން ވަނީ ފައްޓަވައިފަ އެވެ.

ނަޝީދުގެ ފޯނު ޖަހައިގަނެގެން ގެންގޮސްފައި މި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަންހެން ކުއްޖަކާ ޒިނޭ ކުރާ މަންޒަރު ފެންނަ ހަތަރު ފޮޓޯއެއް އެބަ އޮތް ކަމަށް ނަޝީދު ވިދާޅުވިތާ ހަތަރު ވަރަކަށް ދުވަސް ފަހުންނެވެ.