ކައިވެނީގެ ގޮތުން ވިޔަސް ނުވަތަ ލޯބީގެ ގޮތުން ވިޔަސް ގުޅިގެން އުޅޭއިރު ތިމާގެ އިހުސާސްތައް އަނެކާއާ ހިއްސާކޮށް ބުނެދިނުމަކީ ލޯބި އިތުރުވުމުގެ އިތުރުން ތިބާގެ ގުޅުން ވެސް ވަރުގަދަ ކޮށްދޭނެ ކަމެކެވެ. މި ލިޔުމުގައި މި ބަލާލަނީ ތިބާގެ ބައިވެރިޔާއަށް އެކި ފަހަރު މަތިން އަންގައިދީ ބުނެދޭން ޖެހޭނެ ބައެއް ކަންކަމަށެވެ.

ގުޅުމާ މެދު އުފާވާ ވާހަކަ ބުނުން

ކޮންމެ މީހަކީވެސް މުހިއްމު މިހެއްގެ ގޮތުގައި އިހުސާސްވާން ބޭނުންވާނެ މީހެކެވެ. އެގޮތުން ބައިވެރިޔާއަކީ އަކީ ތިބާއަށް ކިހާ މުހިއްމު މީހެއްކަން ބުނެދޭށެވެ. އޭނަޔާ ގުޅުނީތީ އުފާވާ ވާހަކަ ބުނެދީ އޭނާވެސް ހިތްހަމަ ޖައްސައިދޭށެވެ.

ޝުކުރުވެރިވުން

ބައިވެރިޔާގެ އުނި ކަންކަމުގެ ވާހަކަ އަބަދު ދެއްކުމުގެ ބަދަލުގައި އޭނާގެ ކިބައިގައި ހުރި ރަނގަޅު ކަންތައްތަކުގެ ވާހަކަ ދައްކާ އަދި އެކުގައި ހޭދަކޮށްފައިވާ އުފާވެރި ދުވަސްތަކުގެ ވާހަކަވެސް ދެއްކުން މުހިންމެވެ. އެއާއެކު އޭނާ ތިބާއަށް ކޮށްދޭ ކަންތައްތަކުގެ އަގު ވަޒަން ކުރާނަމަ އަލުން އެފަދަ ކަންތައްތައް ކޮށްދޭ ހިތްވެސް ވާނެ އެވެ.

މައާފަށް އެދުން

މައާފަށް އެދުމާއި ކުށް ޤަބޫލުކުރުމަކީ ބައެއް މީހުންނަށް ވަރަށް އުނދަގޫ ކަމެކެވެ. އެހެން ނަމަވެސް ތިބާއަށްވެސް ގޯސް ހެދޭނަމަ އެކަމާ ވިސްނާލާށެވެ. އަދި އެކަމަށް މައާފަށްވެސް އެދޭށެވެ. މިގޮތަށް ކަންތައް ކުރުމުން ބައިވެރިޔާއަށް ވެސް އަލުން ތިބާއާ ކުރިމަތިލާން ފަސޭހަވެ ކަންތައްތައް ހިއްސާކުރަން ވެސް ފަސޭހަވާނެ އެވެ.