މިއަހަރު ނޮވެންބަރުގައި ގަތަރުގައި ބޭއްވުމަށް ނިންމާފައިވާ ފީފާ ވޯލްޑް ކަޕް މުބާރާތް ފަށާ ތާރީހު އަވަސްކުރަން ނިންމައިފި އެވެ.

މުބާރާތް ކުރިން ރޭވިފައިވާ ގޮތުން މުބާރާތް ފަށާނީ އަންނަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ނެދަލޭންޑްސް އަދި ސެނަގާލް ބައްދަލު ކުރާ މެޗުންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ފީފާއިން މިހާރު މަސައްކަތް ކުރަމުން އަންނަނީ ނޮވެންބަރު މަހުގެ 20 ވަނަ ދުވަހު މުބާރާތްގެ ފުރަތަމަ މެޗު ކުޅުމަށެވެ. އެއީ ހޮސްޓް ކުރާ ގައުމަށް ފުރަތަމަ މެޗު ކުޅުމަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ.

ފީފާއިން މިގޮތަށް ހުށަހެޅީ ގަތަރު އަދި އިކުއެޑޯއާ ވާހަކަ ދެއްކުމަށްފަހު އެވެ. މިކަމާމެދު އެންމެ ފަހު ގޮތް ނިންމާނީ ފީފާ ކައުންސިލުންނެވެ.

އެ ކައުންސިލްގައި ހިމެނޭނީ ހަ ކޮންފެޑެރޭޝަންގެ ރައީސުންގެ އިތުރުން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އެވެ.

ވޯލްޑް ކަޕްގެ އާންމު އުސޫލަކީ މުބާރާތުގެ ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ނުވަތަ މުބާރާތް ބާއްވާ ގައުމު ކުޅުމެވެ. މިހާރު ހުށައަޅާފައިވާ ގޮތަށް ފާސްވެއްޖެ ނަމަ، އެ ސަގާފަތަށް މި މުބާރާތް ވެސް ފެތޭނެ އެވެ.

ވޯލްޑް ކަޕްގެ ފެށުން އެއް ދުވަހަށް އަވަސް ކުރި ނަމަވެސް، އެހެން މެޗުތަކުގެ ޝެޑިއުލްއަކަށް ބަދަލެއް ނާންނާނެ އެވެ. އަދި ފައިނަލް މެޗާ އެކު މުބާރާތް ނިންމާނީ ވެސް މިހާރު ޝެޑިއުލްގައި ވާ ގޮތުގެ މަތިން ޑިސެމްބަރު 18 ގަ އެވެ.

ގަތަރުގައި ވޯލްޑް ކަޕް ބާއްވާއިރު، އެ ގައުމުން އަންނަނީ ބާރު ސްޕީޑުގައި ނިންމަން ޖެހޭ ފަހުގެ ކަންތައް ނިންމައި، މުބާރާތަށް ފުރިހަމައަށް ތައްޔާރުވަމުންނެވެ.