އާމްދަނީގެ ގޮތުގައި 60،000 ލިބޭ މީހުންނަށް ހުޅުމާލޭގެ ފޭސް 3 ގައި 1،000 ހައުސިން ޔުނިޓު ތަރައްގީކުރުމަށް ސަރުކާރުން ދިވެހި ފަސް ކުންފުންޏަކާ އެކު މިއަދު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ހައުސިން މިނިސްޓްރީ މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. މި މަޝްރޫއުތައް ހަވާލުކޮށްފައިވަނީ އާންމުކޮށް ހުޅުވާލައިގެން ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ހޯދި ފަސް ކުންފުންޏަކާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އެގޮތުން އެސްޖޭ ކޮންސްޓްރަކްޝަނާއި، އަމިން ކޮންސްޓްރަކްޝަނާއި، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަންގެ އިތުރުން ދެ ޖޮއިންޓް ވެންޗާއަކާ މި މަސައްކަތް ވަނީ ހަވާލުކޮށްފަ އެވެ.

އެ ދެ ޖޮއިންޓް ވެންޗާއަކީ ވަން ރިއަލިޓީ އާއި މެޑްޓެކް މޯލްޑިވްސް ގުޅިގެން އުފައްދާފައިވާ ޕާޓްނާޝިޕަކާއި، ފްލެކްސިންކް، އޮކްސްރޯ، ސޮލެކްސް އަދި ބީވާ ބިލްޑާސް ގުޅިގެން އުފައްދާފައިވާ ޕާޓްނާޝިޕެކެވެ.

މި މަޝްރޫއުގެ ދަށުން އިމާރާތްކުރާ ފްލެޓްތަކުގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވަނީ ދެ އަހަރާއި ފަސް މަސް ދުވަހުގެ ތެރޭގަ އެވެ. ސަރުކާރުގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ އާއިލީ ބޯހިޔާވަހިކަން ޕްރޮގްރާމަށް ފޯމު ހުށަހަޅައި ޝަރުތު ހަމަވާ ފަރާތްތަކަށް ހާއްސަކޮށްގެން ވިއްކާ މި ފްލެޓްތަކުގެ އަގުތައް ވަނީ ކޮންޓްރޯލްކޮށްފަ އެވެ.

އެގޮތުން ދެ ކޮޓަރީގެ ފްލެޓެއް ވިއްކޭނެ އެންމެ މަތީ އަގަކީ 1.8 މިލިއަން ރުފިޔާ އެވެ. އަދި ތިން ކޮޓަރީގެ ފްލެޓެއް ވިއްކޭނެ އެންމެ ބޮޑު އަގަކީ 2.3 މިލިއަން ރުފިޔާ އެވެ.

މިނިސްޓްރީން ބުނިގޮތުގައި މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.