މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަށް މި އަހަރު ކުރިމަތިލައްވަން އެދިވަޑައިގަންނަވާ ފަރާތްތަކަށް މަޢުލޫމާތު ދެއްވުމުގެގޮތުން ބާއްވަވާ ބައްދަލުކުރެއްވުން މިމަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް ފަސްކޮށްފި އެވެ.

ކުރިން މި ބައްދަލުވުމުން ބޭއްވުމަށް ނިންމާފައިވަނީ މިއަދު އެވެ.

ރައީސް އޮފީހުން ބުނީ މި ބައްދަލުވުން އޮންނާނީ މި މަހުގެ 5 ވާ ހޯމަދު ދުވަހުގެ މެންދުރު ފަހު 2:00 ޖަހާއިރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކަމަށެވެ. މި ބައްދަލުވުމުގައި، އޮންލައިންކޮށް ވެސް ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުއްވައިލައްވައިފަ އެވެ.

ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ބޭފުޅުން ނަން ނޯޓު ކުރެއްވުމަށް ޓަކައި "ފުރިހަމަ ނަމާއި، ދާއިމީ އެޑްރެހާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު" ޖެއްސެވުމަށް ފަހު 7960844 ނަންބަރު ފޯނަށް މެސެޖްކުރެއްވުމަށް ވަނީ އަންގައިފަ އެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަށް އެދި މި އަހަރު ނަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ، ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ "ފޯމު ހުށަހެޅުން" http://apply.presidency.gov.mv މި ޕޯޓަލް މެދުވެރިކޮށްގެންނެވެ. ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވާނީ ސެޕްޓެމްބަރު މަހުގެ 22 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 3:00 އަށެވެ.