މި ދުވަސްވަރު ރާއްޖޭގެ ތައުލީމީ ދާއިރާގައި އޮތް އެންމެ ބޮޑު އެއް މައްސަލައަކީ 8،000 އެއްހާ ދަރިވަރުން ގަވައިދުން ސުކޫލަށް ހާޒިރުނުވުން ކަމަށް ވިދާޅުވެ، އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މިދިޔަ އަހަރުގެ ކީސްޓޭޖް ތިނެއްގެ "ނެޝަނަލް އެސެސްމަންޓް އޮފް ލާނިން އައުޓްކަމްސް" ރިޕޯޓް ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ދަރިވަރުންގެ ކިޔެވުމުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި މެދުނުކެނޑި ސުކޫލަށް ހާޒިރުވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.

ދަރިވަރުންގެ ހާޒިރީއާ ގުޅޭގޮތުން މިނިސްޓްރީން ގެންގުޅޭ އުސޫލަށް ގެނައި ބަދަލުތައް ހާމަކުރައްވަމުން ޝަފީއު ވިދާޅުވީ، މިދިޔަ މަހުގެ 21 ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ ހާޒިރީ ވަކިވަކިން ބަލަން ފަށާފައިވާ ކަމަށެވެ. މީގެ ކުރިން އަމަލުކުރަމުން އައި ގޮތަކީ، ދަރިވަރަކު ގިނަ ދުވަސްތަކެއް ވަންދެން ސުކޫލަށް ނައިސް ހުރެއްޖެނަމަ އެކަން މިނިސްޓްރީއަށް ރިޕޯޓްކުރުމެވެ. ނަމަވެސް، އާ ނިޒާމުގެ ދަށުން ކޮންމެ ދުވަހަކު ތަފާސްހިސާބުތައް ބަލަން ފެށުމާއެކު، ސުކޫލަށް ނުދާ ކުދިންގެ އަދަދު ގިނަކަން ވަނީ ފާހަގަކުރެވިފަ އެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ސުކޫލަށް ހާޒިރުނުވާ ކުދިންގެ ނިސްބަތް އެންމެ މަތީ މާލެ ސަރަހައްދުގަ އެވެ. އެގޮތުން، މާލޭގެ ސުކޫލުތަކުގައި ކިޔަވާ ކުދިންގެ ތެރެއިން 40 އިންސައްތަ ދަރިވަރުން ގަވައިދުން ސުކޫލަށް ހާޒިރުނުވާކަން އޭނާ ހާމަކުރެއްވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، ސުކޫލަށް ނުގޮސް ހުންނަ ކޮންމެ ދުވަހަކީ ދަރިވަރުގެ އުނގެނުމުގެ ސިލްސިލާއަށް މެދުކެނޑުމެއް އަންނަ ދުވަހެއް ކަމަށެވެ. އަދި ތަކުރާރުކޮށް ސުކޫލަށް ހާޒިރުނުވާނަމަ، ދަރިވަރުންގެ ހިތްތަކުގައި ސުކޫލަށް ދިއުމަށް އޮންނަ ޝައުގުވެރިކަން ކުޑަވެގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.