ކޮލަމްބޯ (01 ސެޕްޓެމްބަރު) އިގްތިސާދީ އަޑިގުޑަންގަނޑެއްގައި އޮތް ސްރީލަންކާއަށް 2.9 ބިލިއަން އެމެރިކާ ޑޮލަރުގެ ލޯން އެހީއެއް ދިނުމަށް އެ ގައުމާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)އާ ދެމެދު އެއްބަސްވުމަކަށް އާދެވިއްޖެ އެވެ.
އައިއެމްއެފްއިން އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދެ އަހަރުގެ މުއްދަތަށް ދެވޭ މި ލޯނުގެ ބޭނުމަކީ ސްރީލަންކާއަށް ކުރިމަތިވެފައިވާ ދަރަނީގެ މައްސަލަ ހައްލުކޮށް ދިގު މުއްދަތުގެ އިގްތިސާދީ ހަމަޖެހުން ގާއިމުކުރުން ކަަމަށެވެ.
މި ލޯނުގެ މަޝްވަރާތައް ނިމިފައިވާއިރު އައިއެމްއެފްއިން އިތުރަށް ބުނީ އެ ޖަމިއްޔާގެ އެގްޒެކެޓިވް ބޯޑުގެ ރުހުން ލިބުމާ އެކު ލޯނު ދޫކުރެވޭނެ ކަމަށެވެ.
މި ލޯނު އެހީގެ ދަށުން ސްރީލަންކާގެ ދަރަނިތައް ދައްކައި ތެލާއި ކަރަންޓުގެ ހިދުމަތް ހަމައަކަށް އަޅުވަން އެ ގައުމުގެ ސަރުކާރުން މަސައްކަތް ކުރާނެ އެވެ. އަދި ހަމައެއާއެކު ހުސްވެފައިވާ އެގައުމުގެ ފޮރިން ރިޒާވް ވެސް އަލުން ރަނގަޅު ކުރަން ސަރުކާރުން އަމާޒު ހިފާފައިވެ އެވެ.
ސްރީލަންކާއިން އެކި ފަރާތްތަކަށް ދަރާފައިވާ ދަރަނީގެ އަދަދު 30 ބިލިއަން އެމެރިކާ ޑޮލަރަށް އަރާއިރު ޖަޕާނުން ވަނީ ސްރީލަންކާއިން ދަރާފައިވާ ގައުމުތަކާ އެކު ބާއްވާ މަޝްވަރާތަކުގައި އިސް ނެގުމަށް ހުށައަޅައިފަ އެވެ. އެ ގައުމުތަކުގެ ތެރޭގައި އިންޑިއާއާއި ޗައިނާ ހިމެނެ އެވެ.
މި ލޯނުތައް ދެއްކުމަށްޓަކައި ސްރީލަންކާއިން އައީ އައިއެފްގެ ފަރާތުން ތިން ބިލިއަން ޑޮލަރުގެ އެހީއެއް ހޯދުމަށް މަސައްކަތް ކުރަމުންނެވެ.
ސްރީލަންކާއަށް ދިމާވެފައިވާ އިގްތިސާދީ އަޑިގަނޑުގެ ސަބަބުން އެންމެ ޒަރޫރީ ހިދުމަތްތައް ވެސް ހުއްޓުމަކަށް އައިސްފައިވާއިރު ކާބޯތަކެތި ލިބުމުގައި ވެސް ގިނަ ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ. -- ދަ ސްޓްރެއިޓް ޓައިމްސް