މަންޓާ އެއާގެ ޗާޓަރު ދަތުރުތަކެއް ހއ. ހޯރަފުށީ އެއާޕޯޓަށް ފަށައިފި އެވެ.
އެ ދަތުރު ފެށުމަށް ފުރަތަމަ ޓެސްޓް ޕްލައިޓް ބާއްވާފައި ވަނީ އިއްޔެ އެވެ. މި ދަތުރުގައި މަންޓާ އެއާ އާއި ރީޖަނަލް އެއާޕޯޓްސްގެ އިސްވެރިން ބައިވެރިވި އެވެ.
ހޯރަފުށީ އެއާޕޯޓަށް ދަތުރުކުރި މަންޓާގެ ފުރަތަމަ ފްލައިޓަށް އެއާޕޯޓުން މަރުހަބާ ކިޔާފައިވަނީ ބޮޑުބެރުގެ ހަރަކާތްތަކާ އެކު އެވެ. މީގެ އިތުރުން ހޯރަފުށީ ކައުންސިލްގެ ފަރާތުން މަންޓާގެ ޓީމަށް މަލާފަތެއް ވެސް އެރުވި އެވެ. މަންޓާއަށް މަރުހަބާ ކިޔަން ބޭއްވި ހަރަކާތުގައި ރީޖަނަލް އެއާޕޯޓްސްގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މަންޓާ އެއާ އިން ހޯރަފުށީ އެއާޕޯޓަށް ޗާޓަރު ދަތުރުތައް ފެށީ އެ ރަށް ކައިރީގައި އޮންނަ ޖޭއޭ މަނަފަރު މޯލްޑިވްސް ރިސޯޓްސްއާ ގުޅިގެންނެވެ. ހޯރަފުށީ އެއާޕޯޓާއި ރީޖަނަލް އެއާ ޕޯޓްސްއިން ވަނީ ޓެސްޓް ފްލައިޓަށް ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.
މަންޓާ އެއާ އިން ބުނީ މި މަހުގެ 6 ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު ވެސް އެ އެއާލައިންގެ ޓާޗަރު ދަތުރުތައް ހޯރަފުށީ އެއާޕޯޓަށް ކުރާނެ ކަމަށެވެ.
މަންޓާ އިން ހޯރަފުއްޓަށް ކުރާ ދަތުރުތަކަށް ބޭނުންކުރާނީ އެ އެއާލައިނުން އެންމެ ފަހުން ގެނައި ބީޗް ކްރާފްޓް 1900ޑީ މަރުކާގެ ބޯޓުތަކެވެ. ކޮންމެ ދުވަހަކު ކުރާ ދަތުރުގެ އިތުރުން، ޕްރައިވެޓް ޗާޓާ އޮޕަރޭޝަންތަކަށް ވެސް އެ އެއާކްރާފްޓް ބޭނުންކުރާނެ ކަމަށް މަންޓާއިން ބުންޏެވެ.
މަންޓާގެ ޗާޓާ ދަތުރުތައް ހޯރަފުށީ އެއާޕޯޓަށް ފެށުމާ ގުޅިގެން މަންޓާގެ ސީއީއޯ މުހައްމަދު ހަލީލް ވިދާޅުވީ ޖޭއޭ މަނަފަރާ ގުޅިގެން ކޮންމެ ދުވަހަކު ވެސް މަންޓާ އެއާގެ ދެ ދަތުރުތައް ކުރާނެ ކަމަށެވެ. އަދި މި ދަތުރުތަކުގައި ޖާގަ ހުރި މިންވަރަކުން ޓޫރިސްޓުންގެ އިތުރުން ދިވެހިންނަށް ވެސް ދަތުރުކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް ހަލީލް ވިދާޅުވި އެވެ.
"ޖޭއޭ މަނަފަރާއި އަޅުގަނޑުމެންނާ ވެސް ވާހަކަދެކެވުނު ގޮތަށް މީގެ ބެނެޕިޓް ލޯކަލްއަށް ވެސް ލިބިގެންދާނެ. އަޅުގަނޑުމެންގެ ޕްލޭނަކީ ޑިމާންޑް އޮންނަ ވަރަކަށް ފްރިކުއެންސީ ވެސް އިތުރުކުރުން. މިއީ ފެށުމެއް ކަމަށް ބަލަން ޖެހޭނީ،" އޭނާ ވިދާޅުވި އެވެ. "މީގެ ފައިދާ ރައްޔިތުންނަށް ލިބިގެންދާނެ. މި ތަނުގައި ގެސްޓްހައުސް ހުންނަ މީހުންނަށް ވެސް މީހުން ޓްރާންސްފާކުރުމުގައި ފަސޭހަތަކެއް ލިބިގެންދާނެ. ފިކްސްޑް ޝެޑިއުލްއެއްގެ ގޮތުގައި އަޅުގަނޑުމެން މި ކަންތައް ކުރާނީ. ބުނެފައި ހުރި ޓައިމްތަކަށް އަންނާނެ. މަންޓާގެ އެކްސްޕީރިއަންސް ވަރަށް ތަފާތުވާނެ އެހެން އެއާކްރާފްޓްތަކާ އަޅާބަލާއިރު."
ޖޭއޭ ރިސޯޓްސް އެންޑް ހޮޓެލްސްގެ ވައިސް ޕްރެޒިޑެންޓް އިން އޮޕަރޭޝަންސް ވިލިއަމް ބުނީ މި ފްލައިޓްތަކުގެ ސަބަބުން އެ ރިސޯޓަށް ފަތުރުވެރިން ގެނައުމަށް އެހީތެރިވެދޭނެ ކަމަށެވެ. އަދި އެ ރިސޯޓްގެ ސީއެސްއާރުގެ ދަށުން މި ފްލައިޓްތަކުގައި ދިވެހިންނަށް ދަތުރުކުރުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަންޓާ އެއާގެ މި އެއާކްރާފްޓް ޕްރައިވެޓް ޗާޓަރަށް ވެސް ހުޅުވާލާފައިވާ ކަމަށް މަންޓާއިން ބުނެ އެވެ.