ދައުލަތުން ގެއްލުމުގެ ބަދަލުދިނުމާ ގުޅޭ ގޮތުން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެކުލަވައިލި "ހުދު ކަރުދާސް" ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީންވެސް ބެލުމަށްފަހު މަޖިލިސް ތަޅުމަށް ހުށަހެޅި މި "ހުދު ކަރުދާސް" މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކުރީ ޖަލްސާގައި ތިއްބެވި 53 މެންބަރުންގެ ތެރެއިން 48 މެންބަރުންގެ ވޯޓުންނެވެ.

އޭސީސީން ފާހަގަކުރެވުނު ކަންކަމުގެ މައްޗަށް ރިއާޔަތްކޮށް، ކަމާބެހޭ އުސޫލުގައި ހިމަނަންޖެހޭ ކަންތައްތަކުގެ ލަފާއެއްވެސް މި ކަރުދާހުގައި އޭސީސީން ދީފައިވެއެވެ.

އެ އުސޫލުގައި ހިމެނުމަށް ލަފާ ދީފައިވާ ކަންތައްތަކުގެ ތެރޭގައި ގެއްލުން ލިބުނު ކަމަށް ބުނާ ފަރާތުން، ލިބުނު ގެއްލުން ސާބިތުކޮށްދިނުންބަދަލަށް އެދި ކުރާ ތުހުމަތާއި ނުކުތް ނަތީޖާއާ ގުޅުން ގާއިމުކުރުމާއި ލިބުނު ގެއްލުމުގައި ފެކްޗުއަލް ނުވަތަ ލީގަލް ކޮންޒަވޭޝަނެއް ގާއިމުކުރެވިފައިވޭތޯ ކަށަވަރުކުރުން ހިމެނެ އެވެ.

ގެއްލުމުގެ ހެކި ވަޒަންކުރާނެ މިންގަނޑެއް އެކުލަވާލުމާއި ހެކި ސާބިތުކުރާނެ މިންގަނޑެއް އެކަށައެޅިގެންދާނެ ގޮތެއް ކަނޑައެޅުމުގެ އިތުރުން ލިބިފައިވާ ގެއްލުމަކީ އެއްބަސްވުމުގައި ދެފަރާތުންވެސް އަންދާޒާކުރެވިފައިވާ ގެއްލުމެއްކަން ސާބިތުކުރުމަށްވެސް ހިމަނާފައިވެ އެވެ. އަދި އެއްބަސްވުމުގައި ލިބިދާނެ ގެއްލުންތައް އަންދާޒާ ކުރެވޭނެ މާއްދާއެއް އޮތްކަން ކަށަވަރުކުރުމަށާއި ގެއްލުން ކުޑަ ކުރުމަށް ނުވަތަ މިޓިގޭޓް ކުރުމަށް ކޮށްފައިވާ ކަންތައްތަކަކީ ކޮބައިކަން ބެލުމާއި ގެއްލުމުގެ ބަދަލު ދިނުމުގެ ކުރިން ލިބިފައިވާ ގެއްލުން އަގުކުރުމަށް ހެދޭ އެސެސްމެންޓެއް ހަދަންވާނެ ކަމަށްވެސްވެ އެވެ. އަދި މި އެސެސްމެންޓް ހަދާނެ ގޮތުގެ ގައިޑްލައިނެއް އެކުލަވާލަމް ޖެހޭނެ ކަމަށްވެސް ބަޔާންކޮށްފައިވެ އެވެ.

ދައުލަތުން ގެއްލުމުގެ ބަދަލު ދިނުމާ ގުޅޭ މައްސަލަތައް ކޯޓުން ބޭރުގައި ހައްލުކުރުމާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށް އެކުލަވާލާފައިވާ "ސެޓްލްމެންޓް ކޮމިޓީ" އިން، އެ މައްސަލަތައް ނިންމުމަށް އުސޫލެއް އޮތް ނަމަވެސް، މައްސަލަތައް ނިންމުމުގައި އަމަލުކުރާނެ ވަކި މިންގަނޑެއް ނުވަތަ ރިޔާއަތް ކުރާނެ ވަކި ކަންތައްތަކެއް އޭގައި ތަފުސީލުކޮށްފައި ނެތުމުން އެކި މައްސަލަތައް އެކިގޮތްގޮތަށް ނިންމުމުގެ ފުރުސަތު އޮންނަ ކަމަށްވެސް އެ ކަރުދާހުގައި ބުނެފައިވެ އެވެ.

މިސަރުކާރު ވެރިކަމަށް އައިފަހުން ބަދަލުގެ ގޮތުގައި ސަރުކާރާ ގުޅުންއޮންނަ ފަރާތްތަކަށް އެތައް މިލިއަން ރުފިޔާއެއް ނަގައިދެމުންދާތީ ރައްޔިތުންގެ ކަންބޮޑުވުން ވަނީ އުފެދިފަ އެވެ.