މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޮމްޕެނީ (އެމްއެމްޕީއާރުސީ) ގެ ބޮޑު ހިޔާނާތާ ގުޅިގެން، ބީއެމްއެލް އިން ތުހުމަތު ކުރި، ކުރީގެ ޑެޕިއުޓީ ގަވަރުނަރު ނީޒާ އިމާދު އަނެއްކާ ވެސް އެމްއެމްއޭގެ ބޯޑަށް އައްޔަން ކޮށްފި އެވެ.

ނީޒާއަކީ ކުރިން އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ.

އެމްއެމްއޭގެ ބޯޑަށް ބޭފުޅުން އައްޔަންކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ގިނަ ޢަދަދެއްގެ ފައިސާ އަމިއްލަ ފަރާތްތަކުގެ އެކައުންޓަށް ޖަމާކޮށްފައިވާ މައްސަލައާ ގުޅިގެން، އެ މުއާމަލާތްތައް ނުހުއްޓުވި ސަބަބެއް ކަމުގައި ބީއެމްއެލްގެ ވެރިން ވިދާޅުވެފައިވަނީ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ވެރިން އެގޮތަށް ލަފާދެއްވުމެވެ. އެއިރު އެ ޔުނިޓުގެ ވެރިންނަށް ތިއްބެވީ ނީޒާ އިމާދާއި އާތިފު ޝުކޫރެވެ. އެ މައްސަލާގައި ޢާޠިފުގެ މައްޗަށް ދައުވާކޮށްފައިވާއިރު ނީޒާގެ މައްޗަށް ދައުވާއެއް އުފުލާފައިނުވެ އެވެ.

ބީއެމްއެލްގެ ކުރީގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ އެސްއޯއެފް އެކައުންޓުން އާދަޔާ ޚިލާފު ބޮޑެތި ޢަދަދުތައް ހިމެނޭ މުޢާމަލާތްތައް ކުރަމުންދާތީ އެ މުއާމަލާތްތަކާމެދު ޝައްކުވުމުން ސަސްޕިޝަސް ޓްރާންސެކްޝަން ރިޕޯޓެއް ބީއެމްއެލްއިން އެމްއެމްއޭގެ ފައިނޭންޝަލް އިންޓަލިޖެންސް ޔުނިޓަށް ހުށަހެޅި ކަމަށެވެ. ނަމަވެސް އެ ޔުނިޓުން ބުނެފައިވަނީ އެއްވެސް އެކައުންޓެއް ހިފަހެއްޓުމުގެ ބާރު ބޭންކަށް ލިބިގެންނުވާ ކަމަށް ކަމުގައި ޝަރީފް ވިދާޅުވެފައިވެ އެވެ.

މި މައްސަލާގައި ނީޒާ ނެރުއްވި ކުރު ބަޔާނެއްގައި އޭނާ ވިދާޅުވީ އެސްއޯއެފްގެ ފައިސާއާ ގުޅިގެން ވަކި ގޮތަކަށް ކަންކުރުމަށް ބީއެމްއެލްއަށް އޭނާ އެއްވެސް ލަފައެއް ދެއްވާފައިނުވާނެ ކަމަށެވެ.