އިސްލާމީ މަރުކަޒުގެ ގޯތި ތެރެއަށް ބޮޑުކަމު ދިޔަ އިންޑިއާ މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ އިސްލާމީ މަރުކަޒު ގޯތި ތެރެއަށް ބޮޑުކަމު ގޮސްފައިވާ ކަމުގެ މައުލޫމާތު ރޭގެ ވަގުތެއްގައި ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 40 އަހަރުގެ އިންޑިއާއަށް ނިސްބަތްވާ ފިރިހެނެއްކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ މިކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންތައްތައް ބަލަމުންދާކަމަށެވެ.
މިކަމާ ގުޅިގެން މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވަނީ މިފަދަ އަމަލުތައް ހިންގާ މީހުންނާމެދު ފަސް ނުޖެހި ހަރުކަށި ފިޔަވަޅު އަޅަން ގޮވާލައްވާފަ އެވެ.
މީގެ ކުރިން ވެސް މިސްކިތުގެ ހުރުމަތް ކެޑުމުގެ މައްސަލަތަކެއްވަނީ ފެންމަތިވެފަ އެވެ. އެގޮތުން ދިވެހި ފިރިހެނަކު މިސްކިތަށް ކުޑަކަމުދިޔަ މައްސަލައެއް ފެންމަތިވެ އޭނާ ހައްޔަރުކުރުމަށްފަހު ދޫކޮށްލާފައިވެ އެވެ.
މިފަދަ މައްސަލަތަކުގައި ހައްޔަރުކުރާ މީހުންނަކީ ނަފުސާނީ ބަލި މީހުންކަމަށް ބުނެ އެ މީހުން އަނބުރާ މުޖުތަމައަށް ދޫކޮށްލާތީ އެކަމާމެދު އާންމުންގެ ފާޑުކިޔުން ފުލުހުންގެ އިދާރާއަށް އަންނަނީ އަމާޒުވަމުންނެވެ.