އިސްލާމީ މަރުކަޒު ގޯތިތެރެއަށް ބޮޑުކަމުދިޔަ އިންޑިއާ މީހާގެ ބަންދަށް އެއްދުވަސް ޖަހައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާގެ ބަންދަށް އެއް ދުވަސް ޖެހީ ފުލުހުންގެ ފަރާތުން ތަރުޖަމާނަކު ހަމަނުޖެހުމުންނެވެ.

ފުލުހުން ބުނީ އިސްލާމީ މަރުކަޒު ގޯތި ތެރެއަށް ބޮޑުކަމު ގޮސްފައިވާ ކަމުގެ މައުލޫމާތު ރޭގެ ވަގުތެއްގައި ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 40 އަހަރުގެ އިންޑިއާއަށް ނިސްބަތްވާ ފިރިހެނެއްކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ މިކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންތައްތައް ބަލަމުންދާކަމަށެވެ.

މިކަމާ ގުޅިގެން މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވަނީ މިފަދަ އަމަލުތައް ހިންގާ މީހުންނާމެދު ފަސް ނުޖެހި ހަރުކަށި ފިޔަވަޅު އަޅަން ގޮވާލައްވާފަ އެވެ.

އިންޑިއާ މީހުން ރާއްޖޭގައި އިސްލާމްދީނަށް ފުރައްސާރަކުރި މައްސަލަތައް ފެންމަތިވި ނަމަވެސް އެއިން އެއްވެސް މައްސަލައެއްގައި އެކަށީގެންވާ ފިޔަވަޅެއް އެޅިފައިނުވެ އެވެ. އެގޮތުން މަސްތުގެ ހާލަތުގައި ހުރެ މާތްﷲ އާއި ކީރިތިރަސޫލާއަށް ފުރައްސާރަކުރި އިންޑިއާ މީހެއްގެ މައްސަލަ ނުބަލައި އޭނާ ފުރުވައިލިކަމަށް ގިނަ ބަޔަކު ސަރުކާރަށް ތުހުމަތުކުރެ އެވެ.