42 ކައުންސިލު އިދާރާތަކަށް ސެކްރެޓަރީ ޖެނެރަލުގެ މަގާމަށް މީހުން ހޯދަން ސިވިލް ސާވިސް ކޮމިޝަނުން އިއުލާންކޮށްފި އެވެ.

ކައުންސިލްގެ ސެކްރެޓަރީ ޖެނަރަލުން ހޯދަން ސީއެސްސީން އިއުލާނުކޮށްފައިވާ ރަށްރަށަކީ މިހާތަނަށް އެސްޖީން ނެތް ރަށްރަށާއި އެކި ސަބަބުތަކާ ހުރެ އެސްޖީންގެ މަގާމަށް އައްޔަންކުރި މީހުން އިސްތިއުފާ ދީފައިވާ ރަށްރަށެވެ.

ކައުންސިލްތަކުގެ އެސްޖީންގެ މަގާމަށް ކުރިމަތިލާން ހުޅުވާލާފައިވާއިރު މި މަހުގެ 29 ވަނަ ދުވަހާއި ހަމައަށް އެ ފުރުސަތު އޮންނާނެ ކަމަށް ސީއެސްސީން ބުންޏެވެ.

އެ ކޮމިޝަނުން ކުރި އިއުލާނުގައި ބުނީ އެ ކޮމިޝަނުގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސް ފަރުވާގެ ހިދުމަތާއި ޕެންޝަން ވެސް ލިބޭނެ ކަމަށެވެ. އެކަމަކު ސެކްރެޓަރީ ޖެނަރަލްގެ މަގާމަކީ އިދާރާ ހިންގުމުގެ އެންމެ އިސް މަގާމަށް ވަތީ އިތުރު ގަޑީގެ ފައިސާ ނުލިބޭނެ ކަމަށް ވެސް ސީއެސްސީން ބުންޏެވެ.

މި މަގާމުގައި އެސްޖީން ދެ ރޭންކެއް ހިމެނޭއިރު ފުރަތަމަ ރޭންކްގެ މުސާރަ އަކީ 16،100ރ. އެވެ. ދެވަނަ ރޭންކްގެ މުސާރައަކީ 12،285ރ. އެވެ. މިއީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށް އައްޔަންކުރާ މަގާމެކެވެ.

ރަށު ކައުންސިލުތަކުގެ އިތުރުން، ހަތަރު އަތޮޅެއްގެ އަތޮޅު ކައުންސިލްގެ އިދާރާތަކުގެ އެސްޖީގެ މަގާމަށްވެސް މީހުން ދަނީ ހޯދަމުންނެވެ. ލާމަރުކަޒީ ގާނޫނުގައިވާ ގޮތުން ސެކްރެޓަރީ ޖެނެރަލްގެ މަގާމަކީ، ކައުންސިލްގެ އިދާރާގެ އިދާރީ އެންމެ އިސް މަގާމެވެ.