ރާއްޖޭގެ ރަށްރަށުގައި ނިމިދިޔަ އަޟްހާ އީދު ފާހަގަކުރި ގޮތް ދެނެގަތުމަށް ޖަމިއްޔަތުލް ސަލަފުން މައުލޫމާތު އެއްކުރަން ފަށައިފި އެވެ.
މިކަމުގެ މަގުސަދާއި މި މަސައްކަތް އެ ޖަމިއްޔާއިން ކުރަނީ ކޮން ހައިސިއްޔަތަކުން ކަން ހާމަކޮށްފައި ނުވާތީ ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އިތުރު ތަފްސީލެއް ނުދީ ސަލަފް ޖަމިއްޔާއިން ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ 1447 ވަނަ އަހަރުގެ. އަޟްހާ އީދު ފާހަގަކުރުމަށް، ކުޅެވުނު އެކި، ކުޅިވަރުތަކުގައި އިމުގެ ތެރޭގައި، ކުޅިވަރުތައް ކުޅެފައިވާ ކައުންސިލްތަކާއި ޖަމިއްޔާތަކާއި އަވަށު އީދު ކޮމެޓީތަކުން 19 ޖޫން 2026 ގެ ކުރިން އެކަން އެނގޭގޮތަށް، ބަޔާންކޮށް ފޯމެއް ފުރުމަށެވެ.
އެއާއެކު އީދު ފާހަގަކުރުމަށް ކުރެވުނު ބައެއް ކަންކަން ވަނީ ލިސްޓްކޮށްފަ އެވެ. އެ ޖަމިއްޔާއިން ބަލަނީ އެ ލިސްޓްގައިވާ ކަންކަން ނުކުރާ ރަށްތައް ކަމަށް ބެލެވެ އެވެ.
ލިސްޓުގައި ހިމަނާފައިވާ ބައެއް ކަންކަމުގެ ތެރޭގައި ކުލަޖެހުން ހިމެނިފައި ނުވުން، އަންހެނުންނާއި ފިރިހެނުން މަސްހުނިވެ ގައިގޯޅިވެފައި ނުވުން، ސްޓޭޖް ޝޯތައް ބާއްވައިފައި ނުވުން، ހިލޭ ފިރިހެނުންގެ ކުރިމައްޗަށް އަންހެނުން ނެރެ ނައްޓުވާފައި ނުވުން، އެއްވެސް މީހެއްގެ ނުވަތަ ބައެއްގެ. ކަރާމަތަށާއި އަބުރަށް، އުނިކަން ލިބޭފަދަ ކަމެއް ކޮށްފައި ނުވުންވެ އެވެ.
ސަރުކާރަށް ތާއީދުކޮށް ބަޔާން ނެރޭ ޖަމިއްޔާ އިން މިފަދަ މައުލޫމާތު ތަކެއް އެއްކުރަން ފަށާފައި މިވަނީ އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ފިތުރު އީދާއި އަޟްހާ އީދު މާލެ އާއި އަތޮޅުތަކުގައި ފާހަގަކުރުމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން ހާއްސަ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު އިއްޔެ ވިދާޅުވެފައި ވަނިކޮށެވެ.
އެ ޕްލޭން އެކުލަވާލާނީ ކައުންސިލްތަކާ މަޝްވަރާކޮށްގެން އަތޮޅުތަކުގައި ހަރަކާތްތެރިވާ އިސްލާމީ ހިދުމަތްދޭ މަދަނީ ޖަމިއްޔާތައް ބައިވެރިކޮށްގެން އީދު ފާހަގަކުރުމުގެ ކަންކަން ކުރިއަށްގެންދާ ގޮތަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ބައެއް ފަރާތްތަކުން ދަނީ ސަލަފް ޖަމިއްޔާއިން މިކަން ކުރުމުގެ މަގްސަދާއި ހައިސިއްޔަތު ބުނެދޭން ޖެހޭ ކަމަށް ބުނެ ފާޑުކިޔަމުންނެވެ.
ފިޗުން ދީފައި އޮތް ކްރެޑިޓް ރޭޓިން މަތިކޮށްފި