ދުނިޔޭގެ އިގްތިސާދަށް އަންނަ ލޮޅުންތަކުގެ އަސަރު ރާއްޖެއަށް ވެސް ކުރާނެ ކަމަށާއި، ނަމަވެސް ރާއްޖޭގެ އިގްތިސާދީ ހާލަތު މިވަގުތު އޮތީ ރަނގަޅު ހާލަތެއްގައި ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)އިން ބުނެފި އެވެ.
އެ ޖަމާއަތުގެ ވަފުދެއް ރާއްޖެއަށް މިހާރު ކުރަމުންދާ ދަތުރުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީ އާއި މާލިއްޔަތު ކޮމެޓީއާ ބައްދަލުކޮށްފައިވެ އެވެ.
މަޖިލީހުގެ މެންބަރުންނަށް ރާއްޖޭގެ އިގްތިސާދާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އައިއެމްއެފް ވަފުދުގެ ވެރިޔަކަށް ހުންނެވި ޓިޑިއަން ކިންޑާ ވިދާޅުވީ މިއަހަރު ރާއްޖޭގެ އިގްތިސާދު ކުރިއަރާނެ ކަމަށާއި އަދި އިގްތިސާދީ ހާލަތު ވެސް ރަނގަޅު ކަމަށެވެ.
ރާއްޖޭގެ އިންފްލޭޝަން ސަރުކާރުގެ ސަބްސިޑީސްތަކާއެކު ހިފެހެއްޓިފައި ނަމަވެސް ދުނިޔޭގެ އިގްތިސާދަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ އަސަރު ރާއްޖެއަށް ވެސް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ތަކެތީގެ އަގު ދުނިޔޭގެ ބާޒާރުގައި އުފުލެމުންދާއިރު، ރާއްޖެއިން ހަރަދުތައް ހިފަހައްޓާފައިވަނީ ސަރުކާރުން ދީފައިވާ ސަބްސިޑީސްތަކާއެކު ކަމަށް ކިންޑާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ދުނިޔޭގެ އެހެން ގައުމުތަކުގެ އިންފްލޭޝަން މައްޗަށް ދިޔައިރު ރާއްޖޭގެ އިންފްލޭޝަން ތިން ޕަސެންޓަށް ވުރެ ދަށުގައި ހިފެހެއްޓިފައިވާ ކަމަށެވެ. ނަމަވެސް މިއީ ކުރިމަގަށް ބަލާ ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
އެގޮތުން ދުނިޔޭގެ ބާޒާރުގައި އަގު އުފުލޭނެ ކަމަށާއި މިކަމަށް ހައްލެއް ގެނައުމަށް ހަރަދުތައް ކުޑަކުރުމާއި އާމްދަނީ އިތުރު ކުރުމަށް ފިޔަވަޅުތަކެއް އަޅަން ޖެހޭކަން އައިއެމްއެފްގެ ވަފްދުގެ ވެރިޔާ ފާހަގަކުރެއްވި އެވެ.
އެހެންކަމުން ސަރުކާރުން ޖީއެސްޓީ އަދި ޓީ ޖީއެސްޓީ ބޮޑު ކުރުމަށް ނިންމާފައިވާ ނިންމުމަށް ތާއީދުކުރާ ކަމަށް އައިއެމްއެފްއިން ވަނީ ބުނެފަ އެވެ. މިއާއެކުވެސް ކުރިއަށް އޮތް ދުވަސްތަކުގައި އިތުރުވާނެ އިންފްލޭޝަނަށް ބަލައި، ސަބްސިޑީސް އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ޓާގެޓް ކުރުން މުހިންމުކަމަށް އައިއެމްއެފް އިން ބުންޏެވެ.
ކިންޑާ ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ހާލަތު ދެމިއޮތީ ޓޫރިޒަމް ދާއިރާގައި ރާއްޖެއިން ހޯދާފައިވާ ކާމިޔާބީތަކުގެ ސަބަބުން ކަމަށެވެ. އެގޮތުން ޔޫރަޕްއަކީ ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ 50 ޕަސެންޓް ހިއްސާ ކުރާ ސަރަހައްދަކަށް ވާއިރު، ޔޫކްރެއިން ހަނގުރާމައިގެ ތެރެއިން ވެސް ރާއްޖެއިން ފަސޭހަކަމާއެކު ސޯސް މާކެޓް ބަދަލު ކުރިކަން އޭނާ ފާހަގަކުރި އެވެ.
އެހެން ކަމުން މިއަހަރު ރާއްޖޭގެ ޖީޑީޕީ ކުރިއަރާ މިންވަރު ނުވަ ޕަސެންޓާއި ދިހަ ޕަސެންޓަށް އަރާނެ ކަމަށް އޭނާ ލަފާކުރެ އެވެ.
ކިންޑާ ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސޯސް މާކެޓުތައް ފަސޭހައިން ބަދަލުކުރި ނަމަވެސް، ކުރިއަށް އޮތް ދުވަސްތަކުގައި ޔޫކްރެއިން ހަނގުރާމަ އަދި ޔޫރަޕުގެ ގައުމުތަކަށް ކުރިމަތިވެފައިވާ ހަކަތައިގެ ދަތިކަމުގެ ސަބަބުން އެ ގައުމުތަކުގެ އިގްތިސާދު ދަށްވެ، އެ ގައުމުތަކުން އަންނަ ޓޫރިސްޓުން މަދުވުން އެކަށީގެންވާ ކަމަށެވެ. މިއާއެކު ޓޫރިޒަމަސް އަސަރުކުރުމުގެ ފުރުސަތު އަދިވެސް އޮތްކަން އޭނާ ފާހަގަކުރެއްވި އެވެ.
އައިއެމްއެފް އިން ބުނީ ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ހަލާތާއެކު ވެސް ރާއްޖެއިން ޓޫރިޒަމް ދާއިރާގައި ގެންގުޅޭ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން ކޮވިޑްގެ ކުރީގެ އަދަދުތަކާއި އަޅާކިޔާ ނަމަ 95 ޕަސެންޓް އިޔާދަކޮށްފައިވާ ކަމަށާއި، މިއީ މި ސިނާއަތުގައި ދުނިޔޭގެ އެހެން ގައުމުތަކުން ނުހޯދޭ ކުރިއެރުމެއް ކަމަށް ބުންޏެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ދުނިޔޭގެ އިގްތިސާދީ ހާލަތަށް އިތުރު ލޮޅުންތަކެއް އަރާނެ ކަމަށް އައެމްއެފްއިން ލާފާކުރުމާއެކު، ކުރިއަށް އޮތީ ދަތި ދުވަސްތަކެއްކަން ފާހަގަކޮށް، ރާއްޖޭގެ ދަރަންޏާއި ބަޖެޓް ޑެފިސިޓް ބޮޑުވަމުންދާކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. މީގެ އިތުރުން ސަރުކާރު ކުންފުނިތަކުގެ ހަރަދުތައް ބޮޑުކަން ފާހަގަކޮށް، ބައެއް ކަންކަމަށް ޕްރައިވެޓް ސެކްޓާއަށް ޖާގަ ދޭ މިންވަރު އިތުރުކުރަން ޖެހޭ ކަމަށް އައިއެމްއެފްއިން ލަފާދެ އެވެ.
އައިއެމްއެފްގެ ވަފްދުން ރާއްޖެއަށް ކުރަމުންދާ މި ޒިޔާރަތަކީ އައިއެމްއެފްގެ މެންބަރު ގައުމުތަކުގެ އިގްތިސާދީ ހާލަތު ދެނެގަތުމަށް އެ ޖަމާޢަތުން ކުރާ މަސައްކަތުގެ ތެރެއިން މިމަހުގެ 12 އިން 26 އަށް ކުރާ ޒިޔާރަތެކެވެ.
މަޖިލީހުގެ ދެ ކޮމެޓީއާއެކު އެއްކޮށް ބޭއްވި ބައްދަލުވުމުގައި ކޮމެޓީ މެންބަރުންގެ ފަރާތުން އިގްތިސާދާ މެދު ހުރި ކަންބޮޑުވުންތައް ވެސް އައިއެމްއެފްއިން ވަނީ އޮޅުން ފިލުވާފަ އެވެ.