ދޮގު ހަބަރުތައް ފަތުރައިގެން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ބައިބައިކޮށް ބަލި ނުކުރެވޭނެ ކަމަށް ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ބުނެފި އެވެ.

ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން މިގޮތަށް ބުނެފައި ވަނީ "ފައްޔާޒުގެ ލޯނާއި ގާސިމް އަތުން ފައިސާ ނެގިކަން ފަޅާއަރައި، ޔާމީނަށް ގައްދާރުވުމުން އަދުރޭ އެހެލައިފި" ކަމަށް ބުނެ ނޫހެއްގައި ޖެހި ހަބަރަކާ ގުޅިގެންނެވެ.

އެ ކޯލިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމްއާ ގުޅޭގޮތުން ހަބަރު ޝާއިއުކުރި ނޫހުގައި އޮތީ ދޮގު ވާހަކަތަކެއް ކަމަށެވެ.

ރައީސް ޔާމީންގެ އިތުބާރު އަބްދުއްރަހީމްއަށް ގެއްލި ޕާޓީގެ މަސައްކަތްތަކުން އެކަހެރިކޮށްފައިވާ ކަމަށް ބުނެ ނޫހުގައި ލިޔެފައިވަނީ ހަގީގަތާ ހިލާފު ވާހަކަތަކަކަށްވާތީ އެންމެ ހަރުކަށި އިބާރާތުން އެކަން އެކޯލިޝަނުން ވަނީ ކުށްވެރިކޮށްފަ އެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ ޕީޕީއެމް އަދި ޕީއެންސީގެ އެންމެ ބޮޑު އަމާޒަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބު ކޮށްދިނުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ސާބިތުކަމާއި ބަދަހިކަމާއެކު ކުރުން ކަމަށެވެ. ކަންމިހެން އޮއްވާ، އެފަދަ ހަގީގަތެއް ނެތް ބޭކާރު ވާހަކަތަކުން ޕާޓީގެ ލީޑާޝިޕް ބައިބައިކޮށް ޕާޓީ ބަލިކޮށްލެވިދާނެ ކަމަށް ގަބޫލުކުރެވޭނަމަ އެއީ ވަރަށް ބޮޑު ކުށްހީއެއް ކަމަށް ބަޔާނުގައިވެ އެވެ.

"ކަންމިހެން އޮއްވާ އެފަދަ ހަގީގަތެއް ނެތް ބޭކާރު ވާހަކަތަކުން މިޕާޓީގެ ލީޑަޝިޕް ބައިބައިކޮށް މި ޕާޓީ ބަލިކޮށްލެވިދާނެ ކަމަށް ގަބޫލުކުރެވޭނަމަ އެއީ ވަރަށް ބޮޑު ކުށްހީއެކެވެ. މިވަގުތު ވެސް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ހުންނެވީ ރައީސް ޔާމީންގެ ހާއްސަ މަސައްކަތްފުޅެއްގައި ލ. އަތޮޅުގަ އެވެ،" ބަޔާނުގައިވެ އެވެ.

ހަގީގަތާ ހިލާފު ވާހަކަތައް ފަތުރައި ފިތުނަ އުފައްދަން މަސައްކަތްކުރާ ފަރާތްތަކުން އެ ކުރަނީ ބޭކާރު އެއްވެސް ތާކުންތާކު ނުޖެހޭ މަސައްކަތެއް ކަމުގައި ޕީޕީއެމް/ޕީއެންސީއިން ވަނީ ބުނެފަ އެވެ. އެފަދަ ހަގީގަތެއް ނެތް ވާހަކަތަކުން ފިތުނަ އުފައްދަން މަސައްކަތް ކުރާ ނޫސްވެރިނާއި ނޫސް މަޖައްލާތައް ޖަވާބުދާރީ ކުރުވުމަށް އެކުލަވާލާފައިވާ މުއައްސަސާތަކުން، މިމައްސަލަ ބައްލަވާ ފިޔަވަޅު އެޅުއްވުމަށް ވެސް ވަނީ ގޮވާލާފަ އެވެ. އަދި ނޫސްވެރިން ވެސް ޒިންމާދާރުކަމާއެކު ހަގީގަތާ އެއްގޮތަށް ހަބަރުތައް ރިޕޯޓު ކުރެއްވުމަށް ވެސް އެ ކޯލިޝަނުން ވަނީ ގޮވާލާފަ އެވެ.