ސައުދީ އަރަބިއްޔާގައި ފުރަތަމަ ފަހަރަށް "ސައުދީ އައިޑަލް" ލަވަ މުބާރާތް ބޭއްވުމަށް ތައްޔާރުވެއްޖެ އެވެ.

އެމްބީސީ ގްރޫޕާއި ސައުދީ އަރަބިއްޔާގެ ޖެނެރަލް އެންޓަޓެއިންމަންޓް އޮތޯރިޓީ (ޖީއީއޭ) ގުޅިގެން ބާއްވާ ފުރަތަމަ "ސައުދީ އައިޑަލް" ސީޒަން އެކެއް ދެއްކުމަށް ހަމަޖެހިފައި ވަނީ އަންނަ ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހު އެވެ.

މި މުބާރާތުގައި ފަނޑިޔާރުކަން ކުރާނީ އަރަބި 4 ލަވަ ކިޔުންތެރިއެކެވެ. އެއީ ސައުދީގެ ލަވަ ކިޔުންތެރިއަކާއި، ޔޫއޭއީގެ ލަވަ ކިޔުންތެރިއެއްގެ އިތުރުން ސީރިއާ އަދި އިރާގުގެ ލަވަ ކިޔުންތެރިންނެވެ.

މި ސީޒަންގެ ރިކޯޑިން އަންނަ އޮކްޓޫބަރު މަހު ފަށާއިރު މިޝޯ ދެއްކުމަށް ހަމަޖެހިފައިވަނީ ޓީވީ ޗެނަލް އެމްބީސީ 1 އިންނެވެ.

"ސައުދީ އައިޑޮލް" ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ އޮޑިޝަންތަކާއި ލައިވް ޝޯތަކަށް ބަހާލައިގެން ކަމަށް އަލް އަރަބިޔާ އިން ރިޕޯޓްކޮށްފައިވެ އެވެ.

މިއީ އައިޑޮލްގެ މުބާރާތެއް ސައުދީގައި ކުރިއަށްގެންދާ ފުރަތަމަ ފަހަރެވެ. ނަމަވެސް 2001 ވަނަ އަހަރު ވުޖޫދައް އައި "އައިޑަލް" ޓީވީ ޓެލެންޓް ޝޯ ފްރެންޗައިޒުން ދުނިޔޭގެ 56 ސަރަހައްދެއްގައި މި ޝޯވްގެ އެކި ވޭރިއޭޝަންތައް ކުރިއަށް ގެންގޮސްފައިވެ އެވެ. އެގޮތުން ރާއްޖޭގައި ވެސް "މޯލްޑިވިއަން އައިޑޮލް" ގެ ތިން ސީޒަނެއް މިހާތަނަށް ކުރިއަށް ގެންގޮސްފައިވެ އެވެ.