ބޭންކް އޮފް މޯލްޑިވްސްއިން ސްޕޯޓްސް ސްކޮލާޝިޕް ތައާރަފްކޮށްފި އެވެ.

ބީއެމްއެލްއިން ބުނީ މި ސްކޮލާޝިޕް ޕްރޮގްރާމުގެ އަމާޒަކީ އެތުލީޓުންގެ ހުނަރު ކުރިއަރުވައި ކުޅިވަރުގައި ފުރިހަމަ ކާމިޔާބީއެއް ހޯދުމުގައި އެހީތެރިވުން ކަމަށެވެ. މި ޕްރޮގްރާމުގެ ދަށުން ރާއްޖޭގެ އެންމެ މޮޅު އެތުލީޓުންގެ ތެރެއިން ތިން އެތުލީޓަކަށް ހުރިހާ ހަރަދަކާއެކު އެކު ރާއްޖޭން ބޭރުގެ ހައި ޕަފޯމަންސް ޓްރެއިނިން ސެންޓަރުތަކުގައި ތަމްރީން ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް ބީއެމްއެލްއިން ބުނެ އެވެ.

ބީއެމްއެލް އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމް.އޯ.ސީ) އާ ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ މި ސްކޮލާޝިޕަށް އެދި ހުށަހެޅޭނީ ރަޖިސްޓްރީވެފައިވާ ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކަށް އެކަނި ކަމަށް އެ ބޭންކުން ބުނެ އެވެ.

ބީއެމްއެލްގެ އިންޗާޖް އަދި އެކްޓިން އެމްޑީ އައިޝަތު ނޫރައްދީން ވިދާޅުވީ މިހާރު ވެސް ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކާއި ގައުމީ އެކި ކުޅިވަރު އެސޯސިއޭޝަންތަކާ ގުޅިގެން ބީއެމްއެލް އިން އަންނަނީ ކުޅިވަރު ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާކުރަމުން ކަމަށެވެ. އަދި އެ ސްކޮލާޝިޕަކީ މޮޅު އެތުލީޓުންނަށް ރާއްޖެ އާއި ބައިނަލްއަގްވާމީ ފެންވަރުގައި ކާމިޔާބީ ހާސިލްކޮށްދިނުމުގެ މަގުސަދުގައި ތައާރަފުކުރި ސްކޮލާޝިޕެއް ކަމަށް ވެސް ވިދާޅުވި އެވެ.

މިއީ ނޮވެންބަރު މަހު ފާހަގަކުރުމަށް ހަމަޖެހިފައިވާ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާ ހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން އެއް ހަރަކާތެކެވެ.