ސަރުކާރުން ރާއްޖެތެރޭގައި އެވެނި މިވެނި ކަންތައް ކޮށްދީފިއޭ އެކަމަކު ވެސް ރާއްޖެތެރޭ މީހުން މާލެ އައުމެއް ނުހުއްޓެއޭ ފަދަ ވާހަކަތަކުން ޓުވީޓްކޮށް ހަދާ މީހެއްގެ ވާހަކަ ސޯޝަލް މީޑިއާގައި ވަނީ ވަރަށް ގަދަޔަށް ވައިގައި ހިފައިފަ އެވެ.

ރަށުގައި ވޮލީ ކޯޓެއް ނެތިގެން މާލެ އައި އެންމެން މިރޭ ފުރާ އޮޑިން ރަށަށް ފުރަންވީ ކަމަށް މީހަކު ކުރި ޓުވީޓަކީ ކުރިން ބުނެވުނު ފަދަ ވާހަތަކުގެ ރައްދެއް ކަމުގައި ބެލެވެ އެވެ.

މާލޭގައި އުޅޭ ރާއްޖެތެރޭގެ މީހުންނާމެދު މިފަދަ "އަރައިރުންގަނޑެއް" ހިނގަމުން ދަނިކޮށް، "ރާއްޖެތެރޭގެ މީހުން މާލެ އަންނަނީ ރަށުގައި މުނިފޫހި ފިލުވޭނެ ގޮތެއް ނެތިގެން" ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅު ވެފަ އެވެ. މި ދެކެވޭ ވާހަކަތަކަށް ބަލައިމުމުން ދޭހަ ވަނީ ހަގީގަތުގައި ވެސް ރާއްޖެތެރޭގެ މީހުން މާލެއައި ސަބަބާއި އެ މީހުން އަނބުރާ ނުގޮސްގެން އުޅެނީ ކީއްވެގެންކަން ބަޔަކަށް އޮޅިއްޖެ ކަމެވެ.

ރަށުގައި އެކުވެރިންނާއެކު މަޖަލާއި އުފަލުގައި ހޭދަކުރި ދުވަސްތަކަށް ނިމުން އައީ އެއްދުވަހަކު މުދައްރިސު ދެއްކެވި ވާހަފުޅަކުންނެވެ. މުދައްރިސް ވިދާޅުވި އެވެ. އިތުރަށް ކިޔަވަން ބޭނުމިއްޔާ ދެން ޖެހޭނީ މާލެ ދާށެވެ.

މާލެއަކީ ރާއްޖޭގެ ވެރި ރަށްކަމާއި ހުރިހާ އޮފީސްތައް ހުންނަނީ މާލޭގައި ކަން އޭރު އެނގެ އެވެ. ގެއަށް ގޮސް މައިން ބަފައިންގެ ގާތުގައި އެވާހަކަ ބުނުމުން އެއީ އެ މީހުން އެހާ ގަބޫލު ކަމަކަށް ނުވި އެވެ. ބުނީ މާލެ ގޮސްގެން އުޅެވޭ ގޮތަކުން ގޮޅިއަކަށް ފެތިގެން ޖަލަށް ވަންނަން ޖެހިދާނެ ކަމަށެވެ. އެ ވާހަކައަށް ރައްދު ދެއްވީ މުދައްރިސެވެ.

މުދައްރިސް ވިދާޅުވީ މާލޭގައި ވެސް ގޮޅި ގޮޅިއަށް ފެތި އަދަބު ލިބޭނީ ވިޔާނުދާކޮށް އުޅޭ މީހުން ކަމަށެވެ. އެހެންކަމުން އެކަމާ ވިސްނާނެ ބޭނުމެއް ވެސް ނެތް ކަމަށް މުދައްރިސް ވިދާޅުވި އެވެ.

މުދައްރިސްގެ ބާރު އެޅުއްވުމާއެކު މާލެ ފުރައިގެން ދިޔައީ ލޯބިވާ މީހުންނާއި އުފަން ރަށާ ވަކިވާން ޖެހޭތީ ހިތާމަކުރަމުންނެވެ. އެ ހިތާމަތަކަށް އޮތް ތަސައްލީއަކަށްވީ، މާލެ ގޮސްގެން އިތުރަށް ކިޔެވުމުގެ ފުރުސަތު ލިބޭނެކަމުގެ އުންމީދެވެ.

ކިޔަވަން މާލެ އައިއިރު އެ މާލެއަކީ އުންމީދުކުރި ފެންވަރުގެ ތަނަކަށް ނުވި އެވެ. ބިން ސާފުކޮށް ގޮވާން އިންދަން ތައްޔާރުކޮށްފައި އޮންނަ ދަނޑެއްހެން އޮންނަ ގޯތިތަކަށް ވާރޭ ވެހިއްޖެ ނަމަ ދެތަނބިކަށިން މައްޗަށް ހުންނަ ފެންފެންގަނޑު ގިރާކޮށްފައި ހިނގަން ޖެހުމަކީ ހިތަށް ފަސޭހަ ކަމަކަށް ނުވި އެވެ. އެންމެ އަސަރުކުރުވީ ހަނޑަސް ބުރިއަށް ދަގަނޑު ޖަހައިގެން ފާޚާނާ ކުރަން ޖެހުމުންނެވެ. އެކަމުގެ ހައްލަކަށް އޮތް އަވަށު ފާޚާނާ ބަރިތަކަށް ވަދެލުމުން ދުވާ ވަހުން ނޯށް ދަމައި ނުލެވުނަސް އެނޫން އެހެން ގޮތެއް އޭރަކު ނެތެވެ.

މާލޭގެ ދަތި އުނދަގޫ ދިރިއުޅުމުގެ ތެރެއިން ލިބެން އޮތް ތައުލީމު ހޯދަން ރާއްޖޭގެ އެކި ހިސާބުތަކުން އައި މީހުން އެމީހުންގެ މަގުސަދު ފުރިހަމަ ކުރި އެވެ. ކިޔަވާ ނިމޭއިރު ރާއްޖޭގެ އެކި ހިސާބުން މީހުންނާ ރަހުމަތްތެރިކަމުގެ ގުޅުން އުފެދުމުގެ ނަތީޖާއެއްގެ ގޮތުން ގިނަ ބަޔަކަށް ކައިވެނީގެ ގޮތުން ގުޅެވެނީ ވެސް އެކި ހިސާބުގެ މީހުންނާ އެވެ. ކިޔެވުން ނިމި ވަޒީފާއަށް ދާން ބަލާއިރު ވަޒީފާ އޮތީ މާލޭގަ އެވެ. މާލޭގައި ވަޒީފާ އަދާކޮށް އާއިލާ ބިނާކުރިއިރު ވެސް އުންމީދު އޮންނަނީ ވަކި ހިސާބަކުން ރަށަށް ދާށެވެ. ކޮންމެވެސް މަސައްކަތެއް ރަށުގައި ފެށޭ ވަރުވުމުން ނަމަވެސް ރަށަށް ބަދަލުވެވޭނެ ދުވަހަކަށް ކުރެވޭ އުންމީދަކަށް ނިމުމެއް ނާދެ އެވެ.

ރަށަށް ބަދަލުވުމުގެ އުންމީދުގައި މާލޭގައި ދުވަސްތައް ހޭދަ ކުރަމުން ދަނިކޮށް ރަށުގައި ތިބި މައިން ބަފައިން ބަލި ހާލު ބޮޑުވެގެން މާލެ ގެންނަން ޖެހެ އެވެ. ދާއިމީކޮށް ޑޮކޮޓަރަށް ދައްކަން ޖެހޭތީ އެ މީހުން މާލޭގައި ބައިތިއްބައިގެން ބޭސް ފަރުވާކުރަން ޖެހެ އެވެ. އެ ހިސާބުން ރަށުގައި ހުންނަ ގެތައް ވެސް ފަޅުވީ އެވެ. މާމަ ކާފަ ކުދިންނާއެކު މާލޭގައި އުޅެމުން ބޭސްފަރުވާކުރަމުން ދަނިކޮށް މަންމަ އާއި ބައްޕަ މަރުވެ މާލޭގައި ވަޅުލީ އެވެ. އޭރު ރަށަކީ ކޮންތަނެއްކަން ރަނގަޅަށް ނޭނގި ދަރިންތައް ތިބީ ބޮޑުވެ، ފުރާވަރަށް އަޅައިފަ އެވެ. އަދިވެސް ރަށަށް ދާން އޮތް އުންމީދު ފަނޑުވުމެއް ނެތެވެ. އެހެން ނަމަވެސް ދަރިން ދޫކޮށްލައިފައި ރަށަށް ގޮސް ކުރެވޭނެ ކަމެއް އަދިވެސް ފެންނާކަށް ނެތެވެ.

ރަށުން އައިއިރު ޗަކަގަނޑު ހެދިފައި އޮތް މާލޭގެ މަގުތަކުގައި މިހާރު ވަނީ ތާރު އަޅައި ދުވާރު ހަދައިފި އެވެ. ދަނޑު ހައްދަން ބިން ސާފުކޮށްފައި އޮންނަ ހެން އޮތް ގޯތިތަކުގައި ލަގްޒަރީ އެޕާޓްމެންޓް ބޮލޮކްތައް ހަދައިފި އެވެ. ހޮސްޕިޓަލާ ސްކޫލުތަކުގެ ފެންވަރު އެތައް ގުނައަކަށް މަތިކޮށް، ޔުނިވާސިޓީތަކާއި ކޮލެޖްތައް އުފަންވެއްޖެ އެވެ. އެ ތަރައްގީގައި ރާއްޖޭގެ އެންމެންގެ ހިއްސާ ވެސްވެ އެވެ.

ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ވެރި ރަށާއި އެހެން ހިސާބުތަކުގައި ވަސީލަތްތައް ގާއިމުވެފައި އޮންނަ ގޮތުގެ ފަރަގު އޮވެ އެވެ. އެހެން ނަމަވެސް އެ ފަރަގު ރާއްޖޭގައި އޮންނަ ވަރަށް އޮންނަ ގައުމެއް އޮތް ހެނެއް ހިއެއް ނުވެ އެވެ. އިނގިރޭސިވިލާތުގައި ވެސް ދެކުނާ އުތުރުގެ ވަސީލަތްތަކުގެ ފަރަގާމެދު ކުރާ ޝަކުވާ ބޮޑެވެ. ތަފާތަކީ ސަރުކާރަށް ރައްޔިތުންގެ އަޑު އިވުމެވެ. އެ ގައުމުގައި އެ ތަފާތު ކުޑަކުރުމަށްޓަކައި ކުރަން ޖެހޭ ކަންތައްބަލައި ސަރުކާރުގެ ޕޮލިސީ ލެވެލްގައި ކަންތައް ރާވައި ހިންގުމަށް ޚާއްސަ މިނިސްޓްރީއެއް ހުރެ އެވެ. ބޭނުމަކީ ވެރި ރަށާއި އެހެން ހިސާބުތަކާ ދެމެދު އޮންނަ ފަރަގު ވީހާ ވެސް ކުޑަކުރުމެވެ.

ރާއްޖޭގައި މާލެއާއި ރާއްޖެތެރޭގެ ތަފާތު އިންތިހާއަށް ބޮޑުވެފައިވާއިރު އެ ތަފާތަކީ ސަރުކާތުން ގަސްދުގައި އަޅާ ފިޔަވަޅުތަކުގެ ނަތީޖާ އެވެ. ސަރުކާރުގެ ސިޔާސަތު ބަދަލުކޮށް ރާއްޖެތެރޭގައި ބިނާކުރަނިވި ތަރައްގީގެ މަޝްރޫއެއް ހިންގުމަށް އެއްވެސް ސަރުކާރަކުން މަސައްކަތެއް ނުކުރެ އެވެ. ބޯފެނާއި ނަރުދަމާއަކީ އަސާސީ ޚިދުމަތްތަކެކެވެ. އެފަދަ އަސާސީ ޚިދުމަތްތައް ރަށްރަށުގައި ގާއިމުކޮށް އެކަން ފާހަގަކޮށް ރަސްމިއްޔާތު ބޭއްވުމަކުން މާލެއަށް ދިމާވާ ތޮއްޖެހުމުގެ މައްސަލައަކަށް ހައްލެއް ނެތެވެ.

ރަށުގައި ގަޟާ ހާޖަތް ނުކުރެވިގެން މާލެ އައި ބަޔަކު ނެތެވެ. އެހެންކަމުން ނަރުދަމާ ހެދިއަސް ރަށަށް ދެވޭކަށް ވެސް ނޯންނާނެ އެވެ. ރަށުގައި ކަރަންޓު ނެތިގެން މާލެ ދިޔަ ބަޔަކު ވެސް ނެތެވެ. އެހެންކަމުން އިންޖީނުގެއެއް އަޅައިގެން ރަށަށް ދެވޭކަށް ނެތެވެ. މަގުތަކުގައި ފެންގަނޑު ހެދޭތީ މާލެ ދިޔަ ބަޔަކު ވެސް ނެތެވެ. އެހެންކަމުން މަގުގައި ތާރު އެޅައިގެން ރަށަށް ދާނެ ބަޔަކު ވެސް ނެތެވެ. ރަށުގައި ލަފާ ފުރެން ނެތިގެން މާލެ ދިޔަ ބަޔަކު ވެސް ނެތެވެ. އެހެންކަމުން ބަނދަރު ހަދައި ދިނަސް ރަށަށް ދެވޭކަށް ނެތެވެ.

ސަރުކާރުން ރާއްޖެތެރެއަށް ހަމަހަމަ ފުރުސަތު ހޯދައި ދިނުމުގެ ނަމުގައި ކުރާ ކަންކަމުން ރަށުގައި އުޅޭ މީހުނަށް ކޮންމެ ވެސް ވަރެއްގެ ހިތްހަމަ ޖެހުމެއް ލިބުމަކީ އެކަށީގެންވާ ކަމެކެވެ. އެހެން ނަމަވެސް ރަށްފުން މާލެ ދިޔަ މީހުން މާލެ ދިޔަ ސަބަބާއި އެ މީހުނަށް ރަށަށް ނުދެވި މާލޭގައި ތާށިވެފައި ތިބި ސަބަބު ސަރުކާރަށް ވިސްނޭހެނެއް ހިއެއް ނުވެ އެވެ. އެކަން ހައްލު ކުރުމަށް ކުރެވޭ ކަމެއް ނުފެންނަނީ އެހެން ވެގެންނެވެ.