އިދިކޮޅު ޕީޕީއެމްއާ އަލަށް ގުޅުނު 10،000 މެންބަރުންގެ ފޯމު އެ ޕާޓީގެ ފަރާތުން މިއަދު އިލެކްޝަންސް ކޮމިޝަނާ ހަވާލުކޮށްފި އެވެ.

މިއީ އެޕާޓީއަށް އެއް މަސް ދުވަސް ތެރޭގައި އެޕާޓީއާ ގުޅުނު މެންބަރުންނެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގާ މި ފޯމުތައް ހަވާލުކުރުމަށް ޕީޕީއެމްގެ އިސްވެރިންނާއި ދެ ޕާޓީގެ ސެނެޓުގެ މެންބަރުންގެ އިތުރުން އާންމު ބައެއް މެންބަރުން ވެސް އިލެކްޝަންސް އޮފީހަށް ގޮސްފައިވެ އެވެ.

އަންނަ ނޮވެންބަރު މަހުގައި އޮންނަ ޕީޕީއެމްގެ ދާއިރާތަކުގެ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުން އަންނަނީ އަލަށް އެ ޕާޓީއަށް ގިނަ އަދަދެއްގެ ބަޔަކު ވައްދަމުންނެވެ. މި 10،000 ފޯމަކީ މުޅިން ވެސް އަލަށް އެ ޕާޓީއާ ގުޅުނު މެންބަރުންގެ ފޯމުތަކެވެ.

ޕީޕީއެމްއަށް މިފަހުން ގިނަ ބަޔަކު ސޮއި ކުރަމުން އަންނައިރު، އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެކި ރަށްރަށުގައި ވެސް ޕީޕީއެމުން އަންނަނީ ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ.

މިއީ މި ފަހުގެ ތާރީޚެއްގައި އެއްފަހަރާ ޕާޓީއަކަށް އެންމެ ގިނަ މެންބަރުން ވައްދަން ހުށަހަޅާ ފަހަރެވެ. ޕީޕީއެމަކީ މިހާރުވެސް އެމްޑީޕީ ފިޔަވައި އެންމެ މެންބަރުން ގިނަ ޕާޓީއެވެ.