ބާލިން (09 އޮކްޓޯބަރު) - ރަޝިއާގެ ރައީސް ލަމިޑިއާ ޕުޓިންގެ ހަރުކަށި ސިޔާސަތުތަކުން ނޭޓޯގެ ސަރަހައްދު ހިމާޔަތްކުރަން އެ ޖަމާއަތުން އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ޖަރުމަނުގެ ޑިފެންސް މިނިސްޓަރު ކްރިސްޓިން ލެމްބްރެޗް ވިދާޅުވެއްޖެ އެވެ.
"މިހާރުގެ ހާލަތަށް ބަލާއިރު އެކުގައި ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ" ލިތުއޭނިއާގައި ބޭއްވި ނޭޓޯގެ އަސްކަރީ ހަރަކާތެއްގައި ބައިވެރިވެ ވަޑައިގަންނަވަމުން ކްރިސްޓިން ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ޔޫކްރެއިންގައި ރަޝިއާގެ ހަނގުރާމަވެރި ހަރަކާތްތައް ދުވަހަކަށްވުރެ ދުވަހެއް ވަރުގަދަ ވަމުން އަންނަ ކަމަށާއި ޕުޓިންގެ ނިއުކްލިއާ އިންޒާރާއެކު އެނގިގެންދަނީ ކޮންމެފަދަ ކަމެއް ކުރަން ވެސް ރަޝިއާއިން ފަސްނުޖެހޭނެކަން ކަމަށެވެ.
ރަޝިއާއާ ބޯޑަރު ހިއްސާކުރާ ލިތުއޭނިއާއަށް ޖަރުމަނުގެ ސިފައިން އެންމެ ފުރަތަމަ ފޮނުވީ 2017 ވަނަ އަހަރު އެވެ. އޭގެ ފަހުން މިދިޔަ ހުކުރު ދުވަހު ކްރިސްޓިން ވަނީ ލިތުއޭނިއާގައި ޖަރުމަނު އަސްކަރިއްޔާގެ ދާއިމީ ކޮމާންޑް ސެންޓަރެއް ހުޅުވައިދީފަ އެވެ.
މިވަގުތު ލިތުއޭނިއާގައި ޖަރުމަނުގެ 1000 ސިފައިން ހަރަކާތްތެރިވާއިރު ކުރިއަށް އޮތް ތަނުގައި ބޭނުން ޖެހިއްޖެނަމަ އިތުރު 3500 ސިފައިން ގުޅޭނެ ކަމަށް ކްރިސްޓިން ވިދާޅުވެ އެވެ.
"ނޭޓޯގެ ބައިވެރިންނަށް ޖަރުމަނުގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބޭނެ" ކްރިސްޓިން ވިދާޅުވި އެވެ.
ޕުޓިންގެ އިންޒާރާއެކު ވެސް ރަޝިއާއިން ނިއުކްލިއާ ހަތިޔާރު ބޭނުން ކުރަން ތައްޔާރުވަމުން އަންނަ ކަމުގެ އެއްވެސް ހެއްކެއް ފެންނަން ނެތް ކަމަށް އެމެރިކާއިން ބުނެ އެވެ. -- އަލް އަރަބިއްޔާ