ބައިނަލްއަގުވާމީ ޔޯގާ ދުވަހާ ގުޅިގެން ގަލޮޅު ދަނޑުގައި ހިންގި ޔޯގާ ހަރަކާތް ހުއްޓުވައި ހަމަނުޖެހުން ހިންގި މައްސަލާގައި ދައުލަތުން ދައިވާކުރާ ދީނީ އިލްމުވެރިޔާ ޝެއިހް އާދަމް ނިޝާނާއި ޝެއިޚް ފަޒްލޫން މުހައްމަދުގެ ޝަރީއަތުގެ އަޑުއެހުމެއް ބޭއްވުމަށް ތާވާލުކޮށްފި އެވެ.

ޝެއިހް ފަޒްލޫނާއި ޝެއިޚް ނިޝާންގެ މައްޗަށް ކުރާ ދައުވާގެ އިބުތިދާއީ އަޑުއެހުމެއް މާދަމާގެ 9:00 އަށް ކްރިމިނަލް ކޯޓުގައި ވަނީ ތާވަލުކޮށްފަ އެވެ.

މިކަމާ ގުޅިގެން ޝެއިހް ފަޒްލޫން ކުރެއްވި ޓުވީޓެއްގައި ބުނެފައި ވަނީ ޔޯގާ ހުއްޓުވި މީހުންނާ ދެކޮޅަށް ދައުވާ ކުރަނީ ރައީސް ސޯލިހާއި މިނިސްޓަރު އިމްރާންގެ އަމުރަކަށް ކަމަށެވެ. އަދި ކޮންމެ އަނިޔާއެއް ދިނަސް "ލާދީނީ ބައިގަނޑަށް" ދޫ ނުދިނުމަށް ވެސް އޭނާ ވަނީ ގޮވާލައްވާފަ އެވެ.

ފަޒްލޫނާއި ނިޝާންގެ މައްޗަށް ދައުލަތުން ދައުވާ ކުރަނީ، ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުންނެވެ.

އެ ދެބޭފުޅުން ފުލުހުންގެ ހައްޔަރުގައިވެސް އެތައް ދުވަހެއް ވަންދެން ބޭތިއްބި އެވެ. ނަމަވެސް، މިވަގުތު ތިއްބެވީ ކޯޓުން ދޫކޮށްލަން އަމުރު ކުރުމުން ފުލުހުންގެ ބަންދުން ދޫކޮށްލާފަ އެވެ.