ކަލާޒް ޓީވީން ގެނެސްދޭ އެންމެ މަގުބޫލު ރިއަލިޓީ ޝޯ "ބިގް ބޮސް" ސީޒަން 16 ފެށިގެން ކުރިއަށްދާއިރު މިޝޯ އަންނަނީ ބެލުންތެރިން މެދުގައި މަގުބޫލުކަން އިތުރަށް ހޯދަމުންނެވެ. އަދި ބެލުންތެރިންގެ ސަމާލުކަން އިތުރަށް ހޯދުމަށް "ބިގް ބޮސް" އުފައްދާ ޓީމުން ވެސް އަންނަނީ ގިނަ ކަންތައްތަކެއް ކުރަމުންނެވެ.

މިހާރު ބިގް ބޮސް ޓީމުން މިފަހަރުގެ ސީޒަންއަށް ވައިލްކާޑް އެންޓްރީގެ ގޮތުގައި ގެނެސްދޭނެ ފަރާތްތަކާމެދުގައި އަންނަނީ މަޝްވަރާ ކުރަމުންނެވެ. އެގޮތުން މިފަހަރުގެ ސީޒަންގައި ބައިވެރިވާނެ ކަމަށް ލަފާކުރެވޭ ބައެއް ފަންނާނުންގެ ނަންތައް ވެސް ވަނީ ސޯޝަލް މިޑިއާގައި ތިލަވެފަ އެވެ.

އެގޮތުން "ބިގް ބޮސް 16" ގައި ވައިލްކާޑް އެންޓްރީގެ ގޮތުގައި ސޯޝަލް މީޑިއާގެ އިތުރު ސެންސޭޝަނެއް ކަމަށްވާ ހަސްބުލާ މަގޮމެޑޯވް ބައިވެރިވުމަށް ނިންމާފައިވާ ކަމަށް ވަނީ އަޑު އަރާފަ އެވެ. އެހެން ނަމަވެސް މިކަން އަދި ރަސްމީކޮށް އެއްވެސް ފަރާތްތަކުން ހާމަކޮށްފައިނުވެ އެވެ.

"ބިގް ބޮސް 16"ގެ އެންމެ މަގުބޫލު އެއް ބައިވެރިއެއްގެ ގޮތުގައި ތަޖިކިސްތާނުގެ ލަވަކިޔުންތެރިޔާ އަބްދުއް ރާޒިކް ފެނިގެން ގޮސްފައިވާ ކަމަށް ބުނުމަކީ ގޯހަކަށް ނުވާނެ އެވެ. އެހެން ނަމަވެސް ބިގް ބޮސް ހައުސްގައި އުޅޭ އެހެން ބައިވެރިން އޭނާއަކީ ކުޑަ ކުއްޖެއް ގޮތުގައި ދެކޭތީ އަބްދުގެ ހުނަރެއް އެހާ ރަގަޅަށް ސީޒަންގެ ތެރެއިން ފެނިގެން ނުދެ އެވެ. މިއާއެކު އޭނާއަށް އިތުރަށް ހިއްވަރު ދިނުމުގެ ގޮތުން ރަޝިޔާގެ ނިސްބަތްވާ އުމުރުން 19 އަހަރުގެ ބްލޮގަރު ހަސްބުލާ ބިގް ބޮސްގައި ބާއިވެރިކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

މިފަހަރުގެ ސީޒަންއިން އެންމެ ފުރަތަމަ ވަކިވެފައިވަނީ ޓީވީ ބަތަލާ ސްރީޖިތާ ދޭ އެވެ.