މާލެ ސިޓީ ކައުންސިލުން ގަލޮޅުގައި ތަރައްގީކުރާ ޕާކާ ގުޅޭގޮތުން ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރަން ކައުންސިލުން ނިންމައިފި އެވެ.

މި ނިންމުން ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 72 ވަނަ ޖަލްސާގަ އެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މި ބައްދަލުވުން ބޭއްވުމަށް ނިންމާފައި ވަނީ މޫސުން ތަންދޭ ނަމަ 25 އޮކްޓޯބަރު ވާ އަންގާރަ ދުވަހުގެ ރޭ ކަމަށެވެ. އަދި މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ ގަލޮޅު ޞަލާޙުއްދީން މިސްކިތް ކައިރީގައި ތަރައްގީކުރުމަށް ނިންމާފައިވާ ޕާކް ހިމެނޭ ސަރަޙައްދުގައި ކަމަށާއި، މި ބައްދަލުވުމަށް ގަލޮޅުގެ އެންމެހާ ރައްޔިތުންނަށް ދަޢުވަތު އެރުވޭނެ ކަމުގައި މޭޔަރު ވިދާޅުވި އެވެ.

މޭޔަރު ވަނީ ގަލޮޅު ތަމްސީލްކުރައްވާ ކައުންސިލަރުން މިކަމުގައި މަސައްކަތްކޮށްދެއްވާ މި ބައްދަލުވުމަކީ ގަލޮޅުގެ ރައްޔިތުންނަށް އާންމުކޮށް ހުޅުވާލެވިގެން ބޭއްވޭ ބައްދަލުވުމަކަށް ހައްދަވައިދެއްވުމަށް އެދިވަޑައިގަންނަވާފަ އެވެ.

މާލެ ސިޓީ ކައުންސިލުން ގަލޮޅުގެ ރައްޔިތުން ބައްދަލު ކުރުމަށް ނިންމާފައި މިވަނީ ގަލޮޅު ޞަލާޙުއްދީން މިސްކިތް ކައިރީގައިވާ ޕާރކްގެ 3ޑީ ރެންޑަރިންގް ޕްރެސެންޓޭޝަން އާއި ކޮންސެޕްޓް ޑިޒައިންއާއި ގުޅޭ ގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުމަށެވެ.

ގަލޮޅު ސަލާޙުއްދީން މިސްކިތް ކައިރީގައިވާ ޕާކްގެ 3ޑީ ރެންޑަރިން ޕްރެސެންޓޭޝަން އާއި ކޮންސެޕްޓް ޑިޒައިންއާއެކު ރައްޔިތުންގެ ބައްދަލުވުމެއް ބޭއްވުމަށްފަހުގައި މިކަން ކުރިއަށް ގެންދިއުމަށް މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް ކައުންސިލް މެންބަރުންގެ އިއްތިފާގުން ވަނީ ފާސްވެފަ އެވެ.

ގަލޮޅުގައި ތަރައްޤީކުރުމަށް ނިންމާފައިވާ ޕާރކްގެ ކުރެހުމެއް.

މާލެ ސިޓީ ކައުންސިލުން ތަރައްގީ ކުރާ ޕާކަކީ އެބިމުގައި ހުރި ބޮޑެތި ގަސްތަކަށް ގެއްލުން ނުލިބޭ ގޮތަށް ތަރައްގީ ކުރާނެ ޕާކެކެވެ.

އެ ޕާކުގައި ކުޑަކުދިންނަށް ހާއްސަކޮށްގެން ތަރައްގީކުރާ "ޕްލޭ އޭރިއާ"ގައި އެންމެ ތުއްތު ކުދިންނަށް ހާއްސަ ބަޔަކާއި ކުޑަކުދިންނަށް ހާއްސަ ބައެއް އެކުލެވިގެންވާނެ އެވެ. އަދި މި ދެބައިގައި ބަހައްޓާ ކުޅޭ ތަކެތި ހުންނާނީ "ޓްރީ ހައުސް ތީމް" އަށެވެ.

މީގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ހިތްހަމަޖައްސާލާނެ ފުރުސަތެއް ތަނަވަސްކޮށް ދިނުމުގެ ގޮތުން، ފުރޮޅުލީ ގޮނޑިއާއެކު އެރޭނެ ފަދަ އުނދޯއްޔެއް ބަހައްޓާފައިވާނެ އެވެ.