މި ސަރުކާރުން ޒުވާނުންނަށް ވަނީ ފަހި ފުރުސަތުތަކެއް ހޯދައިދީފައި ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފު ވިދާޅުވެއްޖެ އެވެ.

ޒުވާނުންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވުމަށް މިނިސްޓަރު މަހްލޫފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެތައް ޒުވާނުންނަކަށް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފަހިކޮށްދީފައިވާ ކަމަށެވެ. މީގެ އިތުރުން 20،000 އަށްވުރެ ގިނަ ޒުވާނުނަނަށް ވަޒީފާގެ ފުރުސަތާއި، 15000އަށް ވުރެ ގިނަ ދަރިވަރުންނަށް ހިލޭ ޑިގްރީ ޕްރޮގްރާމާއި، ކުޅިވަރުގެ ޒަމާނީ ވަސީލަތްތައް ގާއިމްކޮށްދީފައިވާކަމަށް މަހްލޫފް ވިދާޅުވި އެވެ. އަދި 474 މިލިއަން ރުފިޔާގެ އެސްއެމްއީ ލޯންފަދަ އެތައް ކަމެއް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހާސިލުކޮށްދީފައިވާކަމީ ގައުމީ ޒުވާނުންގެ ދުވަސް ފާހަގަކުރާއިރު އޮތް އެންމެ ބޮޑު ހިތްހަމަޖެހުން ކަމަށް ވެސް މަހްލޫފް ވިދާޅުވި އެވެ.

ޒުވާނުންނަށް ފަހިކޮށްދީފައިވާ މި ފުރުސަތުތަކާއެކު ޤައުމު ބިނާކުރުމަށް ދުރު ރާސްތާގައި ގިނަ ފައިދާތަކެއް ކުރާނެކަމަށް ސަރުކާރުން ބުނެ އެވެ.

ކޮންމެ އަހަރެއްގެ އޮކްޓޯބަރުމަހުގެ 22 ވަނަ ދުވަހަކީ ޒުވާނުންގެ ދުވަހުގެ ގޮތުގައި ގައުމީ ފެންވަރުގައި ފާހަގަކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަނޑައެޅުއްވީ 19 ޑިސެމްބަރު 2019 ގަ އެވެ.

ޒުވާނުންގެ ދުވަހުގެ ގޮތުގައި މި ދުވަސް ފާހަގަކުރެއްވުމަށް ރައީސް ނިންމެވީ، އެ ދުވަހަކީ އުމުރުން 18 އަހަރުން މަތީގެ ކޮންމެ ދިވެހިރައްޔިތަކަށް އިންތިޚާބުތަކުގައްޔާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުތަކުގައި ވޯޓު ދިނުމުގެ ހައްގާއި، އިންތިޚާބުތަކުގައި، އެކިއެކި މަގާމުތަކަށް ކުރިމަތިލުމުގެ ހައްގާއި، އެ މީހަކު އަމިއްލަޔަށް ނުވަތަ އެ މީހަކު މިނިވަންކަމާއެކު އިހުތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް، ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ހައްގު ލިބިދިނުމުގެ މާއްދާ ފާސްކުރެއްވި ތާރީޚީ ދުވަސް ކަމަށް ވާތީއާ އެވެ. އަދި ޒުވާނުންގެ ދުވަސް ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް އެންމެ އެކަށީގެންވާ ދުވަހަކީ އެ ދުވަސްކަމަށް ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް އެރުއްވި ލަފަޔާ ގުޅިގެންނެވެ.