ސަރުކާރު އޮފީސްތަކުގައި ކުޑަ ކުދިން ބެލެހެއްޓުމަށް "ޗައިލްޑް ކެއާ ސްޕޭސް" ގާއިމުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިހުގެ ހިންނަވަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޖީހާން މަހުމޫދް ފޮނުއްވި ސުވާލަކަށް ލިޔުމުން ދެއްވި ޖަވާބުގައި އާއިޝަތު މުހައްމަދު ދީދީ ވިދާޅުވީ ވަޒީފާ އަދާކުރާ މައިންބަފައިންނަށް ވަޒީފާއަށް ނުކުންނަން ޖެހުމުގެ ސަބަބުން ކުދިން ބެލެހެއްޓުމުގައި ދިމާވާ ދަތިތަކަށް ލުއި ހޯދައިދިނުމަށް ބޭނުންކުރެވިދާނެ އެހެން ގޮތްތައް ދިރާސާކޮށްފައިވާ ކަމަށެވެ.

އެގޮތުން ވަޒީފާ އަދާކުރާ ތަނުގައި ކުދިން ބެލެހެއްޓޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ ގޮތުން "ޗައިލްޑް ކެއާ ސްޕޭސް" ގާއިމްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއެކު މިއަހަރުގެ އޮގަސްޓް މަހު މަޝްވަރާކުރެވުނުކަން މިނިސްޓަރު ފާހަގަކުރައްވާފައިވެ އެވެ.

މިނިސްޓަރު އައިޝަތު ވިދާޅުވީ އެކަން ތަންފީޒުކުރުމަށް މަޝްވަރާ ކަރުދާހެއް ހުށަހެޅުނު ކަމަށާއި ކަރުދާހުގައިވާ ކަންކަން ތަންފީޒުކުރުމަށް ސޯޝަލް ކައުންސިލުން ވެސް ލަފާދީފައިވާ ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ "ޗައިލްޑް ކެއާ ސްޕޭސް" ގައި ހުންނަން ޖެހޭ ފެންވަރު ތައްޔާރުކޮށް ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި އެފަދަ ތަންތަން ގާއިމުކުރުމާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރަމުންދާ ކަމަށެވެ. އެގޮތުން މިހާތަނަށް ކުރެވުނު މަޝްވަރާއިން މިއަހަރު "ޗައިލްޑް ކެއާ ސްޕޭސް"ގެ ހިދުމަތް ސްޓެލްކޯ އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގައި ގާއިމުކުރާނެ ކަމަށް އެކުންފުނިތަކުން ބުނެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މި ސަރުކާރުގެ ސްޓްރެޓަޖިކް އެކްޝަން ޕްލޭންގައި ހިމެނޭ ކަންކަމުގެ ތެރޭގައި ހިމެނޭ މާލޭގައި އެފޯޑަބަލް ޑޭކެއާގެ ހިދުމަތް ފޯރުކޮށްދޭނެ ތަނެއް ވުޖޫދު ކުރުމަށް މިނިސްޓްރީން މިހާތަނަށް އައިއިރު ގިނަ މަސައްކަތްތަކެއް ކުރި ކަމަށެވެ.