ނައިބް ރައީސް ފައިސަލް ނަސީމް ނިސްބަތްވެ ވަޑައިގަންނަވާ ރަށް، ފުވައްމުލަކު ހޮސްޕިޓަލަށް އިއްޔެ ޒިޔާރަތް ކުރެއްވުމުން އެތަނުގައި ހުރި ގިނަ ކަންބޮޑުވުންތަކާއި ޝަކުވާތައް އޮއްސާލައިފި އެވެ.

ނައިބު ރައީސް އައްޑޫގެ ބައެއް ރަށްތަކާއި ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅުގައި ފުވައްމުލަކު ހޮސްޕިޓަލްގެ އިސްވެރިން ވަނީ ހޮސްޕިޓަލަށް ކުރިމަތިވެފައިވާ ދަތިތަކާއި، އެ ތަނުގެ ތަރައްގީއަށް ރާވާފައިވާ ކަންކަމުގެ މައުލޫމާތު ޕްރެޒެންޓޭޝަންއެއްގެ ސިފައިގައި ފައިސަލާ ހިއްސާކުރައްވާފަ އެވެ. މި ގޮތުން އެ ބޭފުޅުން ފާހަގަކުރެއްވި ބައެއް ކަންކަމުގެ ތެރޭގައި، ހޮސްޕިޓަލަށް ބޭނުންވާ އިތުރު ވަސީލަތްތައް ހޯދުމާއި، އައު ޚިދުމަތްތައް ތައާރުފުކުރުމުގައި ހުރި ގޮންޖެހުންތަކާއި، އާންމު ސިއްހަތާއި އެހެނިހެން ދާއިރާތަކުން ފަންނީ މުވައްޒަފުން ހޯދުމުގައި ކުރިމަތިވެފައިވާ ދަތިތައް ހިމެނެ އެވެ.

ފުވައްމުލަކު ހޮސްޕިޓަލަށް ދިމާވެފައިވާ އެންމެ ބޮޑު ދަތިކަމެއްގެ ގޮތުގައި ފާހަގަކުރީ ހޮސްޕިޓަލްގައި އެކި ފަރުވާތަކުގެ ޑޮކްޓަރުން ތިބި ނަމަވެސް، އެކަށީގެންވާ ފަރުވާ ނުލިބުމުގެ މައްސަލަ އެވެ. އެގޮތުން ލޮލުގެ ފަރުވާއާއި، ދަތުގެ ފަރުވާ އާއި ކަށީގެ ފަރުވާދޭ ޑޮކްޓަރުން ހޮސްޕިޓަލްގައި ތިބި ނަމަވެސް، މެޝިނަރީ ނެތުމުގެ ސަބަބުން ޑޮކްޓަރުންގެ ޚިދުމަތް އެކަށީގެންވާ ގޮތުގައި ރައްޔިތުންނަށް ނުދެވޭކަން ހޮސްޕިޓަލުން ވަނީ ފާހަގަކޮށްފަ އެވެ.

މިކަމުގެ ސަބަބުން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު މަދުވެ، ބައެއް ކުދިކުދި ފަރުވާތަކަށްވެސް މާލެއަށް ފޮނުވަންޖެހޭކަން ފާހަގަކުރައްވަމުން މިކަމަށް ކޮންމެ އަހަރަކު ބޮޑު ހޭދައެއް ހިނގާކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

ފުވައްމުލަކު ހޮސްޕިޓަލަށް ދިމާވެފައިވާ މައްސަލަތަކާ ބެހޭ ގޮތުން މެނޭޖަރު އަހުމަދު ސައީދު އިއްޔެ ޕްރެޒެންޓޭޝަނެއް ދެއްވަނީ. ފޮޓޯ: ރައީސް އޮފީސް

އާބާދީގައި 13،000 އަށްވުރެ ގިނަ މީހުން ހިމެނޭ ރަށުގެ ހޮސްޕިޓަލްގައި އެންމެ އެމްބިއުލާންސެއް އޮތުމާއި، ހޮސްޕިޓަލްގެ މުއައްޒަފުންގެ ދަތިކަމާއި، ޖާގައިގެ ދަތިކަން ވެސް އެ ހޮސްޕިޓަލަށް ދިމާވެފައިވާކަން ވެސް އެހޮސްޕިޓަލުން ފާހަގަކުރި އެވެ.

ހޮސްޕިޓަލްގެ ކަންކަން އިތުރަށް ހަރުދަނާ ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެއްވި އެވެ. އެގޮތުން ހޮސްޕިޓަލަށް އިމާރާތެއް އިތުރުކުރުމާއި، ޑޮކްޓަރުންގެ ފުރިހަމަ ބޭނުންހިފޭނެ ގޮތް ފަހިކުރުމަށް މެޝިނަރީ ހޯދުމާއި، މުޢައްޒަފުންނަށް ތަމްރީން ދިނުމާގުޅޭ ގޮތުން ވެސް މަޝްވަރާކުރި އެވެ. އަދި އިތުރު ޓެސްޓުތައް ހެދޭނެ ގޮތް ފަހިކުރުމަށް، އައިޖީއެމްއެޗްއާއި އައްޑުއަށް ސާމްޕަލް ފޮނުވޭނެ އިންތިޒާމެއް ހަމަޖެއްސުމާއި ގުޅޭގޮތުން ވެސް މަޝްވަރާކުރި އެވެ.

ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވެސް ބައިވެރިވެ ވަޑައިގެންނެވި މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ، ހޮސްޕިޓަލުގެ ފަރާތުން ފާހަގަކުރައްވާފައިވާ ކަންކަން ހައްލުކުރުމަށް ހެލްތު މިނިސްޓްރީއަށް ވެދެއްވެން އޮތް އެހީތެރިކަމާއި އެއްބާރުލެއްވުން ފޯރުކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ. އަދި، ހޮސްޕިޓަލުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި، މިހިނދުން މިހިނދަށް ހައްލު ބޭނުންވާ ކަންކަމާގުޅޭ ގޮތުން، ކަމާގުޅޭ އިދާރާތަކާއެކު މަޝްވަރާ ކުރައްވާ، އެ ކަންކަން ހަމަޖައްސަވަން މަސައްކަތް ކުރައްވާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.

ފުވައްމުލަކު ހޮސްޕިޓަލަށް ދިމާވެފައިވާ މައްސަލަތަކާ ބެހޭ ގޮތުން ނައިބު ރައީސް ފައިސަލާއި ހެލްތު މިނިސްޓަރު ނަސީމް އިއްޔެ ބައްދަލުކުރައްވަނީ. ފޮޓޯ: ރައީސް އޮފީސް

މި ބައްދަލުވުމުގައި ހެލްތު މިނިސްޓަރު ނަސީމް ވަނީ އެ ހޮސްޕިޓަލަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލު ކުރުމަށް މިނިސްޓްރީން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ގުޅޭ ގޮތުން ވަރަށް ތަފުސީލުކޮށް އަލިއަޅުއްވައިފަ އެވެ. އަދި ހޮސްޕިޓަލުގެ އޮނިގަނޑު ހަރުދަނާ ކުރުމަށް މިނިސްޓްރީގެ ފަރާތުން ބައްލަވަން ޖެހިވަޑައިގަންނަވާ ކަންކަން ބައްލަވައި، ކަމާގުޅޭ މާހިރުންގެ އިރުޝާދާއެކު މަސައްކަތް ކުރައްވާނެ ކަމުގައި ނަސީމް ވިދާޅުވި އެވެ.