މާލެ ސިޓީ ކައުންސިލްގެ ފަރާތުން ކުރިއަށް ގެންދަން ބޭނުންވާ މައިގަނޑު ބައެއްކަންކަން ހުރީ ސަރުކާރުގެ ތެރެއިން ލިބެން ޖެހޭ އެއްބާރުލުން ނުލިބުމުގެ ސަބަބުން މަޑުޖެހިފައި ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މާލެ ސިޓީ ކައުންސިލްގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ދިމާވާ ގޮންޖެހުންތަކާ ގުޅިގެން މޭޔަރު ވިދާޅުވީ ކައުންސިލްގެ މައިގަނޑު ބައެއް ކަންކަން ހުރީ ސަރުކާރުގެ ތެރެއިން ބައެއް ކަންކަމުގަ ލިބެންޖެހޭ އެއްބާރުލުން ނުވަތަ ކަންކަމުގަ ކުރިއަށް ދިއުމުގަ ލިބެން ޖެހޭ ސަޕޯޓް ނުލިބުމުގެ ސަބަބުން މަޑުޖެހިފައި ކަމަށާއި، އެކަންކަން އެހެން ވުމަކީ އެއްގޮތަކަށް ވެސް ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

"ކައުންސިލްގެ މައިގަނޑު ބައެއް ކަންކަން ހުރީ ސަރުކާރުގެ ތެރެއިން ބައެއް ކަންކަމުގައި ލިބެން ޖެހޭ އެއްބާރުލުން ނޫނިއްޔާ ކަންކަމުގައި ކުރިއަށް ދިއުމުގަ ލިބެންޖެހޭ ސަޕޯޓް ނުލިބުމުގެ ސަބަބުން މަޑުޖެހިފައި. އެކަންކަން އެހެން ވުމަކީ ހަގީގަތުގައި އެއްގޮތަކަށް ވެސް ރަނގަޅު ގޮތެއް ނޫން،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

މާލެ ސިޓީ ކައުންސިލުން މަސައްކަތްކުރަނީ ގާނޫނުން ކައުންސިލްތަކާއި މަތިކޮށްފައިވާ ޒިންމާ ވީހާވެސް ރަނގަޅަށް އަދާކުރެވޭތޯ ކަމަށާއި މިދިޔަ އަހަރު މެއި މަހުގެ 17 އިންފެށިގެން މިއަދާ ހަމަޔަށް މިވީ މުއްދަތުގެ ތެރޭގަ ވަރަށް ގިނަ މަސައްކަތްތައް ކުރެވޭތޯ ބަލާފައިވާނެ ކަމަށާއި އޭގެ ތެރެއިން ބައެއް ކަންކަން ހާސިލް ކުރެވިފައިވާ ކަން މޭޔަރު ފާހަގަކުރެއްވި އެވެ.

މޭޔަރު ވިދާޅުވީ ކައުންސިލެއް ހޮވަނީ ރަށެއްގެ ނުވަތަ ސިޓީއެއްގެ ރައްޔިތުންގެ އުންމީދުތަކެއް ހުރުމުން ގާނޫނީ އިމުގެ ތެރެއިން ރައްޔިތުން އެދޭ ކަންކަން ކޮށްދިނުމަށް ކަމަށްވާއިރު، އެކަންކަމުގައި ސަރުކާރުގެ ތެރެއިން ދޭން ޖެހޭ އެއްބާރުލުމަކީ ސަރުކާރުގެ ތެރެއިން ދޭން ޖެހޭ އެއްޗެއް ކަމަށާއި، އެއީ އިޚްތިޔާރެއްގެ ގޮތުގައި އޮންނަން ޖެހޭ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

"ކޮންމެ ގޮތެއް ވިޔަސް ކައުންސިލެއް މި ހޮވަނީ ރަށެއްގެ ނުވަތަ ސިޓީއެއްގެ ރައްޔިތުންގެ އުންމީދުތަކެއް ހުރީމަ. ނޫނީ ކޮށްދޭން ޖެހޭ ކަންތައްތަކެއް ގާނޫނީ އިމުގެ ތެރޭން ކޮށްދިނުމަށްޓަކައި. އެހެންނަމަވެސް އެކަންކަމަށް ސަރުކާރުގެ ތެރޭން އެ ދެއްވަންޖެހޭ އެއްބާރުލެއްވުމަކީ ސަރުކާރުގެ ތެރެއިން ދެއްވަން ޖެހޭ އެއްޗެއް. އެއީ އޮޕްޝަނެއް ގޮތަށް އޮންނަން ޖެހޭ ކަމެއް ނޫން،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

ކައުންސިލް ހިންގުމުގައި ސަރުކާރުން ދެއްވަން ވިދާޅުވި އެއްބާރުލެއްވުން ނުލިބޭކަން ފާހަގަ ކުރައްވަމުން މޭޔަރު އިތުރަށް ވިދާޅުވީ ކައުންސިލް ފަށައިގަތުމާއެކު ރައީސުލް ޖުމްހޫރިއްޔާއާއެކު އެއް ބައްދަލުވުން ކުރިއަށް ގެންދެވުނު ކަމަށާއި، އެހެން ނަމަވެސް އޭގެ ފަހުން އެކި ފަހަރު މަތިން ސިޓީ ފޮނުވައިގެން ބައްދަލުކުރެއްވުމަށް އެދިފައިވީ ނަމަވެސް މިހާތަނަށް ރައީސުލްޖުމްހޫރިއްޔާ ކައުންސިލާ ބައްދަލުކޮށްފައި ނުވާ ކަމަށެވެ. އަދި އެކަމަށް އިޖާބައެއް ވެސް ޖަވާބެއް ވެސް ދެއްވާފައި ނުވާ ކަމަށް މޭޔަރު ވިދާޅުވި އެވެ.

ރައީސް ސޯލިހާއެކު ކުރިއަށްދިޔަ ބައްދަލުވުމުގައި ކައުންސިލް ހިންގުމަށް ދިމާވާ ވަރަށް ގިނަ ދަތިތަކުގެ ވާހަކަ ދަންނަވާފައި ވާނެ ކަމަށާއި އޭގެ ތެރޭގައި މުވައްޒަފުންގެ ދަތިކަމާއި، ބަޖެޓުގެ ދަތިކަމުގެ އިތުރުން، މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުގެ ދަތިކަން ފަދަ ވަރަށް ގިނަ ކަންތައްތައް ދަންނަވާފައި ވާނެ ކަމަށް މޭޔަރު ވިދާޅުވި އެވެ. އަދި އެ ބައްދަލުވުމުގައި ކައުންސިލްގެ ފަރާތުން އެދުނު ހުރިހާ ކަމަކަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވި ނަމަވެސް މިއަދާ ހަމަޔަށް މިވީ 15 މަސް ދުވަހުގެ ތެރޭގައި އެ ދެއްވި އުންމީދުގައި އެއްވެސް ވަރަކަށް ކުލަ ނުޖެހުނުކަމީ ހިތާމަ ކުރައްވާ ކަމެއް ކަމަށް މޭޔަރު ވިދާޅުވި އެވެ.

"ވިދާޅުވީ އަޅުގަނޑުމެން އެދުނު ހުރިހާ ކަމަކަށް އެއްބާރުލުން ދެއްވާނެ ކަމަށް. ވަރަށް އުންމީދާއެކު އެ ދުވަހު ނުކުތީ. އެހެން ނަމަވެސް މިއަދާ ހަމަޔަށް މިވީ 15 މަސް ދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް ދެއްވި އުންމީދުގައި އެއްވެސް ވަރަކަށް ކުލަ ނުޖެހުނު ކަމީ ހިތާމަ ކުރާކަމެއް،" ކުރީގެ ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.

ސަރުކާރުގެ ފަރާތުން އެކަށީގެންވާ އެއްބާރުލެއްވުން ނުލިބުނު ކަމަށްވީ ނަމަވެސް އަޒުމަކަށް ބަދަލެއް ނާންނަ ކަމަށާއި، ކައުންސިލުން އަންނަނީ ކޮންމެ ދާއިރާއަކުން ވެސް މާލޭގެ ރައްޔިތުންނަށް ކޮށްދެވެން ހުރި ކަންކަން ކޮށްދެމުން ކަމަށް މޭޔަރު ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ ފުރިހަމަ އެއްބާރުލެއްވުން ސަރުކާރުން ނުލިބުނު ކަމަށް ނަމަވެސް ސަރުކާރުގެ ބައެއް ވުޒާރާތަކުން އެއްބާރުލުން ދޭ ކަމަށާއި، އަދި މާލެ ސިޓީ ކައުންސިލްގެ ފަރާތުން ވެސް ސަރުކާރުން އެދުނު ކޮންމެ ކަމެއްގައި ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ވިދާޅުވި އެވެ.

އެހެންކަމުން ކަންކަމުގައި އެއްބާރުލުން ދިނުމަކީ ދެފަރާތަށް ވެސް ހަމަހަމަ ގޮތެއްގައި އޮންނަން ޖެހޭނެ ކަމެއް ކަން ފާހަގަކުރައްވަމުން މޭޔަރު ވަނީ މާލެ ސިޓީ ކައުންސިލާ ހަމަޔަށް އައުމުން ލާމަރުކަޒީ ގާނޫނު ތަންފީޒު ނުކުރައްވަނީ ކީއްވެތޯ މިއީ ސަރުކާރުން މާލެ ސިޓީގެ ރައްޔިތުންނަށް ދެއްވަން ޖެހޭ ޖަވާބެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.