މިދިޔަ އަހަރު ގއ. މާމެންދޫގައި ހިންގި މާރާމާރީއެއްގައި އެ ރަށު ލިލީ އޮފް ދަ ވެލީ، އަޙްމަދު އުދައްޔު މަރާލިކަން ސާބިތުވި ކުޑަކުއްޖާ ކުޑަކުދިން ބަންދުކުރާ މަރުކަޒެއްގައި ބަންދުކުރަން ޖުވެނައިލް ކޯޓުން ހުކުމް ކޮށްފިއެވެ.

އުމުރުން 18 އަހަރު ނުވާ އުދައްޔު މަރާލީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހުގެ ރެ އެވެ.

އެ ކުއްޖާއަށް ދައުލަތުން ކުރި ދެ ދައުވާ ވެސް ވަނީ ސާބިތުވެފަ އެވެ. އެއީ ގަސްތުގައި އުދައްޔު މަރާލުމުގެ ދައުވާ އާއި އެހެން މީހަކަށް ތޫނުއެއްޗަކުން ހަމަލާދިނުމުގެ ދައުވާ އެވެ.

އުދައްޔު މަރާލުމުގެ ކުށުގައި ކުޑަކުދިން ބަންދުކުރާ މަރުކަޒެއްގައި އެ ކުއްޖާ ބަންދު ކުރަން ހުކުމް ކުރީ 18 އަހަރާއި ނުވަ މަސް ދުވަހަށެވެ.

އަނެއް ދައުވާ ސާބިތުވެ އަދަބެއްގެ ގޮތުގައި ހަ އަރާއި އަށް މަހަށް އެފަދަ މަރުކަޒެއްގައި ބަންދު ކުރަން ވެސް ވަނީ ހުކުމް ކޮށްފަ އެވެ.

އުދައްޔު މަރާލުމުގެ ކުށުގައި މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ އެއް އަހަރު ތެރޭގައި އޭނާގެ ވާރިސުންނަށް ދިނުމަށާއި ކައްފާރައެއްގެ ގޮތުގައި ވިދިވިދިގެން ދެ މަސް ދުވަހު ރޯދަ ހިފުމަށް ވެސް ވަނީ ހުކުމް ކޮށްފަ އެވެ.

އެ މައްސަލައިގައި ގއ. މާމެންދޫ، ރިހިފަރުދާގޭ، އަހުމަދު ޝަމީމާއި ހަމަ އެރަށު ބިލަތްމާގޭ، ޝަރަފު ރަޝީދާއި ގުލްފާމުގޭ، މުޙައްމަދު މާޒިންގެ މައްޗަށް ދައުލަތުން ވަނީ ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އާއި މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ދައުވާ އުފުލައިފަ އެވެ.