ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް ޔާމީން އަންނަ އާދިއްތަ ދުވަހު އައްޑޫއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ޕީޕީއެމްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ރައީސް ޔާމީން މި ދަތުރުފުޅު ކުރައްވާނީ އަންނަ ހަފުތާގެ އާދިއްތަ ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

މ ދަތުރުފުޅުގައި ފޭދޫ, މަރަދޫ, މަރަދޫފޭދޫ, ހިތަދޫ, ހުޅުދޫމީދޫ އަށް ވަޑައިގަންނަވާނެ ކަމަށް ހީނާ ވިދާޅުވި އެވެ.

ހިނާ އިތުރަށް ވިދާޅުވީ މިދަތުރުފުޅުގައި އައްޑޫގެ ރައްޔިތުންނާއި ޕީޕީއެމްގެ ސްޓީރިން ކޮމިޓީތަކުގައި އިސްކޮށް މަސައްކަތް ކުރައްވާ އިސް ބޭފުޅުންނާއި ޕީޕީއެމްގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވާނެ ކަމަށެވެ

"ރައީސް ޔާމީން އައްޑުއަށް މިކުރަށްވާ ދަތުރުފުޅުގައި ވަކި ފިކުރަކަށް ނުބައްލަވައި ވީހާވެސް ގިނަ ބޭފުޅުންނަށް އަޅުގަނޑުމެން ދަޢުވަތު އަރުވަމޭ އަޅުގަނޑުމެންނާ ބައްދަލުކުރައްވައި އެ މަނިކުފާނަށް ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ޝަކުވާތަކާއި ރައްޔިތުން ބޭނުންވާ ކަންކަން ހާމަކޮށްދެއްވުމަށް. އެ ފުރުސަތު ހުރިހާ ފަރާތްތަކަށް ވެސް ލިބިވަޑައިގަންނަވާނެ،" ހީނާ ވިދާޅުވި އެވެ.

އާދިއްތަ ދުވަހު ރައީސް ޔާމީން އައްޑޫއަށް ވަޑައިގަންނަވާއިރު، ނިމިގެން ދިޔަ ހަފްތާގައި އެމަނިކުފާނު ވަނީ ނ. އަތޮޅަށް ވެސް ދަތުރުފުޅެއް ކުރައްވައިފަ އެވެ.