ކޮންމެ އަހަރަކު ދެމަފިރިއަކަށް އައިވީއެފް ހަދަން މާލީ އެހީ ދޭ ފަންޑެއް ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީން ލޯންޗްކޮށްފި އެވެ.
ދަރިމައިވުމުގެ މައްސަލަތައް ކުރިމަތިވާ ފަރާތްތަކުގެ ތެރެއިން މާލީ ތަނަވަސްކަން ނެތް މީހުންނަށް އެހީވުމަށް، މި ފަންޑް ލޯންޗްކޮށްފައިވަނީ "ވޯލްޑް ފާޓިލިޓީ ޑޭ"އާއި ގުޅިގެން އެ އެންޖީއޯއިން ބޭއްވި ގާލާ ޑިނާ ނައިޓްގަ އެވެ.
އައިވީއެފް ނުވަތަ "އިން ވިޓްރޯ ފާޓިލައިޒޭޝަން"އަކީ ގުދުރަތީގޮތުން ދަރިމައިވުމުގައި ހުރަސްތަކެއް މެދުވެރިވެ ދަރިމައިވުމުން މަހުރޫމް ވެފައިވާ މީހުންނަށް، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދަރިމައިވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކުރިއަށްގެންދާ ޕްރޮސީޖާއެކެވެ.
ޖަމިއްޔާގެ ފައުންޑަރު އަދި ރައީސް އާޝާ ހުސެއިން ބުނީ އެންޖީއޯއިން މި ފަންޑް ހުޅުވާފައިވާނީ، ކޮންމެ އަހަރަކު ދެމަފިރިއަކަށް އައިވީއެފް ހެދުމަށް މާލީ އެހީ ދިނުމަށް ކަމަށެވެ. އެހެން ނަމަވެސް ދީލަތި ފަރާތެއްގެ އެހީއާއެކު އިތުރު ދެ ދެމަފިރިއަކަށް، މި ފުރުސަތު ދިނުމަށް އެހީ ލިބިފައިވާ ކަމަށް އާޝާ ވިދާޅުވި އެވެ.
މި ފުރުޞަތު ފަހިކޮށްދީފައިވަނީ އިންޑިއާގެ ޔާމީ ފާޓިލިޓީ ކްލިނިކް އިންނެވެ. މި އެހީގެ އެމްއޯޔޫގައި ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީއާއި ޔާމީ ފާޓިލިޓީ ކްލިނިކްއާ ދެމެދު ވަނީ ސޮއިކޮށްފަ އެވެ.
ޖަމިއްޔާގެ ފަރާތުން އެމްއޯޔީގައި ސޮއިކުރެއްވީ ޖަމިއްޔާގެ ފައުންޑާ އަދި ރައީސް އާޝާ ހުސެއިން އެވެ. އަދި ޔާމީ ފާޓިލިޓީ ކްލިނިކްގެ ފަރާތުން ސޮއިކުރެއްވީ އެ ކްލިނިކްގެ ފައުންޑާ އަދި ޑިރެކްޓާ ޑރ. ސަންކަލްޕް ސިންގް އެވެ.
"މިއީ ރާއްޖޭގައި ބޮޑު މައްސަލައެއް. އެހީ ބޭނުންވާ މުހިންމު ކަމެއް. ރިސަރޗްއާއި ޑޭޓާ ބޭނުންވާ ދާއިރާއެއް. އަދި މިކަމާއި ގުޅޭ ސިއްޙީ މައްސަލަތައް ދެނެގަނެ، ފަރުވާގެ ގޮތްތައް ހޯދަންޖެހިފައިވާ ކަމެއް. ސިއްހީ ޕޮލިސީތައް އަންނަންޖެހޭ ކަމެއް،" އާޝާ ވިދާޅުވި އެވެ.
އައިވީއެފް ފަންޑުގެ އެހީއަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅާވާލާފައިވަނީ އުމުރުން 25 އަހަރު ފުރިފައިވާ އަދި މަދުވެގެން ދެ އަހަރުވަންދެން ކައިވެނިކޮށްގެން އުޅޭ ދިވެހި ދެމަފިރިންނަށެވެ. އަދި 25 އަހަރު ނުފުރޭނަމަ ހާއްސަ ހާލަތްތަކެއްގެ ދަށުން ސިއްޚީ ކަންކަމަށް ބަލައި އެ ފުރުސަތު އޮންނާނެ ކަމަށްވެސް ޖަމިއްޔާއިން ބުނެ އެވެ. އެޕްލިކޭޝަން ފީގެ ގޮތުގައި 200 ރުފިޔާ ނަގާއިރު, ގުރުއަތުން ހޮވޭ ފަރާތަކަށް ފަންޑް އެވޯޑްކުރުމުގެ ކުރިން ރެކޯޑު ސާފުކުރެވޭނެ ކަމަށް ވެސް ޖަމިއްޔާއިން ބުނެ އެވެ.
އެންޖީއޯއެއްގެ ގޮތުގައި ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީ އުފައްދާފައިވަނީ 2021ވަނަ އަހަރުގެ ޖެނުއަރީގަ އެވެ.
އެންޖީއޯގެ މަސައްކަތުގެ ތެރޭގައި ދަރިމައިވުމުގައި ދިމާވާ ދަތިތަކާއި ގުޅޭގޮތުން އާންމުން ހޭލުންތެރިކޮށް، މި ކަމާއި ގުޅިގެން ދިމާވާ މައްސަލަތަކަށް ހައްލު ހޯދުމަށްޓަކައި ލިބެންހުރި ފަރުވާތަކުގެ މައުލޫމާތުދީ، އަދި ދަރިމައިވުމުގެ އުނދަގޫތައް ތަހައްމަލުކުރާ ފަރާތްތަކަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެ އެވެ.
މިވަގުތު މި ޖަމުއިއްޔާގައި 250 އަށްވުރެ ގިނަ އެކްޓިވް މެންބަރުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެބަތިއްބެވެ.