ނުވަ މަސް ފަހުން މާލެ ސަރަހައްދުގެ ގެސްޓް ހައުސްތައް ހުޅުވަން ހުއްދަ ދޭން ފަށައިފި އެވެ.

އެއާއެކު މިއަދު ވެސް 15 ގެސްޓް ހައުސްއެއް ވަނީ ހުޅުވައި، ޚިދުމަތް ދޭން ފަށައިފަ އެވެ.

މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ވަކި ޚާއްސަ ގައިޑްލައިންއަކާއެކު ހުޅުވާލުމުގެ ހުއްދަ ދިނުމުން، ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނީ މިއަދު މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ހުޅުވާލަން ހުއްދަ ދިނުމާއިއެކު މިހާތަނަށް 15 ތަނެއް ހުޅުވާފައިވާ ކަމަށެވެ.

މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ސަރުކާރުން ދިނީ ކޮވިޑާ ގުޅިގެން އެ ތަންތަން ބަންދުކޮށްފައި ހުންނަތާ ނުވަ މަސްދުވަސް ފަހުންނެވެ.

ހުޅުމާލޭގައި ހުންނަ ގެސްޓް ހައުސްއެއްގެ ކޮޓަރިއެއްގައި ގެސްޓަކު މަޑުކޮށްލައިގެން.

ގެސްޓްހައުސް އެސޯސިއޭޝަނުން ބުނީ މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ހުޅުވާލުމުގެ ހުއްދަދިން ނަމަވެސް ގޮންޖެހުންތަކެއް ވިޔަފާރިވެރިންނަށް ދިމާވެފައިވާ ކަމަށެވެ. އަދި އެ ކަންކަން ހައްލުކުރުމަށް ކަމާގުޅުންހުރި ފަރާތްތަކާއި މިހާރު މަޝްވަރާކުރަމުން އަންނަ ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.

ކޮވިޑާ ގުޅިގެން ގެސްޓްހައުސްތައް ބަންދުކުރުމާ ހަމައަށް މާލެ ސަރަހައްދުގައި 82 ގެސްޓް ހައުސްއެއް ދިޔައީ ހިންގަމުންނެވެ. ނަމަވެސް ކޯވިޑް19 މާލެ ސަރަހައްދުގައި ފެތުރުން އިތުރުވުމާއިއެކު ގެސްޓްހައުސްތައް ވަނީ ބަންދުކޮށްފަ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން ހުޅުމާލޭގައި ގާތްގަނޑަކަށް 1،400 އެއްހާ އެނދު، މާލޭގައި 1،000 އެނދު، އަދި ވިލިމާލޭގައި 100 އެއްހާ އެނދާއެކު ޖުމްލަ 2،500 އެއްހާ އެނދު މާލެ ސަރަހައްދުގައި ހުރެ އެވެ.