ކޮވިޑް-19ގައި ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދު އިތުރުވެ، ދެ މަސް ތެރޭގައި ފުރަތަމަ ފަހަރަށް މީހަކު މަރުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ ކޮވިޑްގެ ކޭސްތައް ރާއްޖޭގައި މަޑުމަޑުން އިތުރުވަމުން އަންނައިރު މިދިޔަ ހަފްތާގައި އެ ބަލީގައި މީހަކު މަރުވެފައިވާ ކަމަށެވެ.

ކޮވިޑް ޖެހިގެން މަރުވީ ހުޅުމާލޭގައި ހުންނަ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ އަމުރުން 86 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހުގެ ފުރަތަމަ ހަފްތާގައި ކޮވިޑް ޖެހިގެން ދެ މީހަކަށް އެޑްމިޓްކޮށްގެން ފަރުވާދިންއިރު، މިމަހުގެ ފުރަތަމަ ހަފްތާގައި 25 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާދެމުންނެވެ.

ރާއްޖޭގައި ކޯވިޑް-19ގެ ކޭސްތައް ދަށަށް ދާން ފެށުމާ ގުޅިގެން އެޗްޕީއޭއިން ކޭސްތަކުގެ ތަފާސްހިސާބު މިހާރު އާއްމުކުރަނީ ހަފްތާއަކު އެއްފަހަރު އެވެ.

އެޗްޕީއޭއިން އެންމެ ފަހުން އާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު އަންނަނީ ކޮންމެ ހަފްތާއަކުވެސް އިތުރުވަމުންނެވެ. މިގޮތުން މިދިޔަ އޮކްޓޯބަރު މަހުގެ ފުރަތަމަ ހަފްތާގައި ޕޮޒިޓިވްވީ މީހުންގެ އަދަދު 40 ގައި ހުރި އިރު މިމަހުގެ ފުރަތަމަ ހަފްތާގައި ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 90 އަށް އިތުރުވެފަ އެވެ. އަދި އޮކްޓޯބަރު މަހުގެ ފުރަތަމަ ހަފްތާގައި ހޮސްޕިޓަލްގައި ފަރުވާ ދީފައި ވަނީ ދެ މީހަކަށެވެ. ނަމަވެސް މިމަހުގެ ފުރަތަމަ ހަފްތާގައި އެކަނިވެސް 25 މީހަކަށް އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންނެވެ.

މި ބަލިފެތުރޭ ނިސްބަތް އިތުރުވެފައި ވަނީ މާލެ ސަރަޙައްދުގަ އެވެ. މާލެ ސަރަޙައްދުގައި އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ޕޮޒިޓިވްވެފައި ވަނީ 19 މީހެކެވެ. މިމަހުގެ ފުރަތަމަ ހަފްތާގައި މާލެ ސަރަޙައްދުން 43 މީހަކު ޕޮޒިޓިވްވެފައިވެ އެވެ. އަދި ރިސޯޓުތަކާއި ސިނާއީ މަސައްކަތް ކުރާ ރަށްރަށާއި ސަފާރީތަކުން ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 45 އަށް އިތުރުވެފަ އެވެ. މިއާއެކު ރާއްޖޭގައި ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 185،454 އަށް އަރާފަ އެވެ.

ކޯވިޑުން ދިފާއުވުމަށް ވެކްސިންދިނުމުގެ މަސައްކަތް މިހާރު ވެސް އަންނަނީ ކުރަމުންނެވެ. އެގޮތުން މިހާތަނަށް ކޮވިޑް ދިފާއުގެ ފުރަތަމަ ޑޯޒް 399،140 މީހުން ޖަހާފައިވެ އެވެ. އަދި ދެވަނަ ޑޯޒް 385،050 މީހުން ޖާފައިވެ އެވެ. އޭގެ އިތުރުން ބޫސްޓާގެ ފުރަތަމަ ޑޯޒް 167،132 މީހުން ޖަހާފައިވާއިރު ބޫސްޓާގެ ދެވަނަ ޑޯޒް 1،381 މީހުން ވަނީ ޖަހައިފަ އެވެ.