ހަމަހަމަކަމާއެކު ރައްޔިތުންނަށް ޚިދުމަތްކުރެއްވުމުގައި 4 އަހަރު ހޭދަކުރައްވައިފވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ 55 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ދަރުބާރުގޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ގައުމާ މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

މި ރަސްމިއްޔާތުގައި ރައީސް ވަނީ މީގެ ހަތަރު އަހަރު ކުރީގައި އެމަނިކުފާނު ގައުމުގެ ވެރިކަމާ ހަވާލުވެވަޑައިގަތް އިރު ގައުމު އޮތް ހާލަތަށް އަލިއަޅުއްވާލައްވާފަ އެވެ. އެގޮތުން، އެދުވަހު ގައުމުގައި އޮތީ ހާސްކަމާއި ކަންބޮޑުވުމާއި، ބިރުވެރިކަން ކަމަށާއި، އެ ދުވަހު ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ ހައްގުތަކާއި މިނިވަންކަން ލިބިދިނުމުގައި، ކަށަވަރުކަމެއް ނެތްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. މީގެ އިތުރުން ވެސް ސިޔާސީ ލީޑަރުން ތިއްބެވީ ބިރުވެރިކަމުގެ ތެރޭގައި ކަމަށާއި، ރާއްޖެ އޮތީ ބައިނަލްއަގުވާމީ ދުނިޔެއާއި އެކަހެރިވެފައި ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ހަތަރު އަހަރު ކުރިން ރައްޔިތުން ބޭނުންވި އެންމެ ބޮޑު ބަދަލަކީ، އިންސާފުގެ މަގަށް ވެރިކަން ހިންގުން ރުޖޫޢަކުރުން ކަމަށާއި، ދެފުށްފެންނަ، ޖަވާބުދާރީ ކުރުވެނިވި، ގާނޫނު އަސާސީގެ ތަރަހައިގެ މައްޗަށް، ދައުލަތް ބިނާވުން އޭގެތެރޭގައި ހިމެނޭ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. އަދި، އެއްވެސް ރަށެއް އަދި އެއްވެސް ރައްޔިތަކު ބާކީ ނުވެ، މިނިވަންކަމާއެކު ހެލިފެލިވެ ދިރިއުޅުން އާރާސްތު ކުރެވޭނެ މާހައުލެއް ގާއިމްވުމަށްވެސް އެދުވަހު ރައްޔިތުން ބޭނުންވި ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

އެގޮތުން ރައީސް ސޯލިހު ވިދާޅުވިގޮތުގައި ހަތަރު އަހަރު ކުރިން އެމަނިކުފާނު ޙަވާލުވެވަޑައިގެންނެވި މަސްއޫލިއްޔަތު ބިނާވަނީ، ވަކި ޚާއްޞަ ބަދަލުތަކެއްގެ މައްޗަށެވެ. އަދި، އޭގެ ފެށުމަކީ އިދާރީ ގޮތުން ރާއްޖެ ހިނގަމުން މިދާ ލާމަރުކަޒީ ބޮޑު ބަދަލު ގެނައުންކަމުގައި އެމަނިކުފާނު ވަނީ ސިފަކުރައްވާފައެވެ. މީގެ އިތުރުން ވެސް އާމްދަނީއާ ވަޒީފާތައް ރައްޔިތުންނާ ގާތްވާނެ ހަމަހަމަ، ހަމަތަކެއް، މި ހަތަރު އަހަރުގެތެރޭ ސަރުކާރަށް ހޯދިއްޖެކަމަށާއި، ޖީބަށްލުއި، ބާރުދުވެލީގައި ރަށްތައް ގުޅާލެވޭނެ ދަތުރުފަތުރުގެ ނިޒާމެއް ތައާރަފް ކުރެވިއްޖެކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފަ އެވެ.

މި ރަސްމިއްޔާތުގައި ރައީސް ވަނީ އިއްޔެރޭ މާލޭގައި ހިނގާދިޔަ ހިތާމަވެރި އަލިފާނުގެ ހާދިސާއާ ގުޅޭގޮތުން ވެސް ވާހަކަފުޅުދައްކަވާފަ އެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވިގޮތުގައި އެއީ ފަހުގެ ތާރީޚެއްގައި އެންމެ ގިނަ ބައެއްގެ ފުރާނަ ގެއްލި ދިޔަ އެންމެ ބޮޑު އަލިފާނުގެ ހާދިސާކަމަށާއި، އެ ހާދިސާއާ ގުޅޭ ހުރިހާ ކަމެއް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ބަލަމުން ގެންދާކަމުގައި ވިދާޅުވި އެވެ.

މީގެ އިތުރުން ވެސް މާލޭގައި މިފަދަ ހާދިސާތައް ކުރިމަތިވަމުން އަންނަނީ އެތައް އަހަރަކުން އުފެދިފައިވާ، ތޮއްޖެހުމާއި މާލޭގެ ދިރިއުޅުމުގެ ދަތިކަމުންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވިގޮތުގައި ވަޑާންގެއަކަސް، ގުދަނަކަސް، ގަރާޖެއް ކަމުގައިވިޔަސް މީހުންނާ އެކީ އެއްތާކު ތޮއްޖެހުމަކީ ރައްކާތެރި ދިރިއުޅުމަކަށް ނުވާނެ އެވެ. އަދި މިގޮތުން ކެމިކަލް ގުދަންތައް މާލެއިން ބޭރަށް ބަދަލުކުރެވިއްޖެ ކަމަށާއި، ވޯކްޝޮޕްތަކާއި، ގަރާޖްތަކާއި، ވަޑާންގެތައް ވެސް މީހުން ދިރިއުޅޭ ސަރަހައްދުތަކުން އެކަހެރި ކުރަންޖެހޭކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.