ޓްރާންސްޕޯޓް މިނިސްޓަރުގެ ނައިބު ޝިމާޒު އަލީގެ ސައިކަލަށް ގެއްލުންދީ، އޭނާގެ އާއިލާއަށް ބަޔަކު އިންޒާރުދީ ބިރުދައްކައިފި އެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްގެ ސްލޮޓެއްގައި މަގާމަށް އައްޔަންކޮށްފައިވާ ޝިމާޒް ވަކިކޮށްދޭން ހުށަހެޅީ، އެނގިފައިވާ ގޮތުގައި، މިދިޔަ ހަފުތާގެ ތެރޭގަ އެވެ.

މިނިސްޓަރު ނަހުލާ ރައީސް ސޯލިހަށް ފޮނުއްވި ސިޓީގައި ޝިމާޒުގެ މައްޗަށް ހިޔާނާތުގެ ބޮޑެތި ތުހުމަތުތަކެއް ވަނީ ކޮށްފަ އެވެ. އެގޮތުން ޝިމާޒްއާ ގުޅޭ ހިޔާނާތުގެ ސީރިއަސް މައްސަލަތަކެއް ފެންމަތިވެފައިވާ ކަމަށް ނަހުލާގެ ސިޓީގައި ވެއެވެ. އޭގެ ތެރޭގައި ގަވާއިދާ ހިލާފަށް އުޅަނދުތައް ރަޖިސްޓްރީކޮށްދީގެން ނާޖާއިޒު ފައިދާ ހޯދުމުގައި ޝިމާޒްގެ ބައިވެރިވުން އޮތް ކަމަށް ވެސް މިނިސްޓަރު ތުހުމަތު ކުރައްވާފައިވެ އެވެ.

މި ހުރިހާ ތުހުމަތެއް ދޮގުކުރައްވައި ޝިމާޒު ވިދާޅުވެފައި ވަނީ މިނިސްޓްރީގެ ހުރިހާ ކަމެއް އިންތިޒާމުވެފައި ހުންނަނީ އެއްވެސް ކަމެއް މިނިސްޓަރަށް އެނގިނުލައްވާ ގޮތަކަށް ކުރެވޭނެ ގޮތަކަށް ނޫން ކަމަށެވެ.

މި މައްސަލަ ފެންމަތިވެފައިވަނިކޮށް ޝިމާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދޮގު ތުހުމަތު އަޅުވާފައި، ސައިކަލު ހަލާކުކޮށް، އިންޒާރުގެ މެސެޖުކޮށްފައި އެވަރުން ނުވެގެން އާއިލާއަށް ގުޅާފައި އިންޒާރުދޭން ފަށާފައިވާ ކަމަށެވެ.

އެ ޓުވީޓާއެކު ޝިމާޒު ހިއްސާކުރެއްވި ފޮޓޯގައި އޭނާގެ ސައިކަލުގެ މަޑި ވަރަށް ބޮޑަށް ކަފާލާފައިވާ މަންޒަރު ފެނެ އެވެ. އަދި އޭގެ އިތުރަށް ބޭރުގެ ނަންބަރެއް ބޭނުންކޮށްގެން ވަޓްސްއަޕް މެދުވެރިކޮށް އޭނާއަށް ފޮނުވާފައިވާ އިންޒާރުގެ މެސެޖެއް ވެސް ހިއްސާކުރައްވާފައިވެ އެވެ.

ޝިމާޒްގެ ސައިކަލަށް ގެއްލުންދީ، މަރުގެ އިންޒާރު ދިން އިރު، ރާއްޖޭގައި ދުއްވާ ހުރިހާ ވެހިކަލްތަކުގެ ނަމްބަރު ޕްލޭޓް ބަދަލުކުރަން ވަސާޖިއޯ ނަމަކަށް ކިޔާ ކުންފުންޏާ ހަވާލުކުރި މައްސަލައިގައި އޭސީސީން ޝިމާޒް ހިމެނޭހެން ހަ މީހެއްގެ މައްޗަށް ދައުވާކުރަން ވަނީ ފޮނުވާފަ އެވެ.