ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކަށް އިންސާފުވެރި ޝަރީއަތެއް ހޯދައިދިނުމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ސަރުކާރަށް އިލްތިމާސް ކޮށްފި އެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރައީސް ޔާމީނަށް ލިބިދޭ ދުސްތޫރީ ހައްގު ކަމަށްވާ ގާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބުމުގެ ހައްގު ނިގުޅައިގަތުމަށް ތަކުރާރުކޮށް ހޯމް މިނިސްޓްރީއިން މަސައްކަތްކޮށްފައިވާ ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް އަލަށް އުފުލާފައިވާ ދެ ދައުވާ އާ ގުޅިގެން އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި އެމަނިކުފާނުގެ ގާނޫނީ ޓީމްގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެފައި ވަނީ ރައީސް ޔާމީނާ ބައްދަލުކޮށް، އެ މައްސަލައަށް ތައްޔާރުވާން މަސައްކަތް ކުރުމުގެ ފުރުސަތު ސަރުކާރުން ނުދޭ ކަމަށެވެ. އެހެންވެ އެ ދުވަހުގެ ޝަރީއަތް ވެސް ވަނީ ކެންސަލް ކޮށްފަ އެވެ.

އެމަނިކުފާނުގެ ގާނޫނީ ޓީމުން ނެރުނު ބަޔާނުގައި ވަނީ އެމްއެމްޕީއާރްސީގެ މައްސަލާގައި ތުހުމަތު ކުރެވޭ އެތައް ބަޔަކު ތިބިއިރު، ހަމައެކަނި ރައީސް ޔާމީންގެ މައްޗަށް ތަކުރާރުކޮށް ދައުވާތައް އުފުލަމުން ދިޔުމަކީ އިއްތިފާގެއް ކަމުގައި ނުދެކޭ ކަމަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި 200 އަށްވުރެ ގިނަ މީހުންގެ މައްޗަށް ތަހުގީގު ހިންގައި ތުހުމަތުކޮށްފައިވާ ކަމަށެވެ. ނަމަވެސް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީ ކާމިޔާބު ކުރުމަށްފަހު އެއިން އެއްވެސް ފަރާތަކަށް އެދެވޭ ގޮތަށް ތަހުގީގު ހިންގާފައި ނުވާ ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފައިވަނީ އެމަނިކުފާނާ ދެކޮޅަށް ކުރާ ދައުވާއަކީ ދުރާލާ ރާވައި އިންތިޒާމުކޮށްގެން ހިންގޭ ސިޔާސީ ބަދަލު ހިފުމެއް ކަމަށާއި ސަލާމަތީ ހިދުމަތްތަކުން މަސައްކަތް ކުރަން ވާނީ ފަރުދުންނާއި ޖަމިއްޔާގެ މެދުގައި ތަފާތުކުރުމެއް ނެތި ކަމަށް ވެސް އެ ބަޔާނުގައި ވެ އެވެ.

ރައީސް ޔާމީންގެ ވަކީލުން ވިދާޅުވާގޮތުގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައި ތަނބު ކަމަށްވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އާއި އަބްދުﷲ ޒިޔަތާ އެކު ދައުލަތުން ހެދި އިއުތިރާފުގެ އެއްބަސްވުމަކީ ގާނޫނާ ޚިލާފު އެއްބަސްވުމެކެވެ. އަދި 800 އަހަރާ އެއްވަރަށް ދައުވާ ކުރެވޭނެ މައްސަކަތައް ހުއްޓައި އަދީބަށް ލުއިދިނީ ރައީސް ޔާމީނާ ދެކޮޅަށް ހެކި ބަސް ދިނުމުގެ ހަދިޔާއެއްގެ ގޮތުން ކަމަށް ވެސް ވަކީލުން ވިދާޅުވި އެވެ.