މި އަހަރުގެ އިންޑިއާގެ ސިނަމާތަކުން އެންމެ ބޮޑު ކާމިޔާބީއެއް ހޯދި ޑައިރެކްޓަރު އެސްއެސް ރާޖަމޯލީގެ "އާރްއާރްއާރް"ގެ އިތުރު ބައެއް އުފެއްދުމަށް ނިންމައިފި އެވެ.

މި އަހަރުގެ މާޗްގައި ރިލީޒްކުރި ފިލްމު ދާދި ފަހުން އެމެރިކާގެ ޝިކާގޯގައި ޕްރީމިއާކުރަން ބޭއްވި ހަފުލާއެއްގައި ޑައިރެކްޓަރު ބުނީ އޭނަ މިހާތަނަށް ހެދި ހުރި ފިލްމެއްގެ ވާހަކަ އާއި ސްކްރީންޕްލޭގެ އެންމެ ބޮޑު ހިއްސާދާރަކީ ބައްޕަ ކޭވީ ވިޖަޔެންދުރަ ޕްރަސާދު ކަމަށެވެ. އެހެންވެ "އާރްއާރްއާރް" ގެ ދެވަނަ ބައި ކުރިއަށް ގެންދާނެ ގޮތް ބައްޕަ ރާވަމުން އަންނަ ކަމަށް ބުންޏެވެ.

ނަމަވެސް "އާރްއާރްއާރް" އަށް ކިހާ ދުވަހަކަށް އިންތިޒާރުކުރަން ޖެހޭނެ ކަމެއް އަދި ނޭނގެ އެވެ. ރާޖަމޯލީ އާއި ބައްޕަ މިހާރު އެންމެ ބޮޑަށް ފޯކަސްކޮށްފައި އޮތީ އެކްޓަރު މަހޭޝް ބާބޫއާ އެކީ ހަދަން ނިންމާފައިވާ އެޑްވެންޗާއަކަށެވެ. މިއީ ވެސް "އާރްއާރްއާރް" އާއި "ބާހްބަލީ" ގެ ފިލްމުތަކާ އެއްގޮތަށް ބޮޑު ބަޖެޓަކުން، ގްރޭންޑްކޮށް ހަދާނެ އެއްޗެކެވެ.

"އާރްއާރްއާރް" ކާސްޓް ތެރޭގައި ސައުތު އިންޑިއަށް ފިލްމު އިންޑަސްޓްރީގެ އެންމެ ކާމިޔާބު ދެ ތަރިން ކަމަށްވާ ރާމް ޗަރަން އާއި އެންޓީއާރް ޖޫނިއާގެ އިތުރުން ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ އާލިއާ ބަޓާއި އަޖޭ ދޭވްގަން ހިމެނެ އެވެ.

ގާތްގަނޑަކަށް 400 ކްރޯޑް ރުޕީސް (53 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދާ "އާރްއާރްއާރް" އަކީ ފަސް ބަހަކުން ގެނެސްދީފަ އެވެ. އެއީ ހިންދީ، ތެލެގޫ، ތަމަޅަ، މަލަޔާޅަމް އަދި ކަންނާޑާ އެވެ.

އާރުއާރު އިން ވަނީ ބޮކްސް އޮފީހުގައި 1000 ކްރޯޑަށް ވުރެ ގިނަ ރުޕީސް ހޯދާފަ އެވެ.

އަންނަ އަހަރު ބާއްވާ 95 ވަނަ އޮސްކާގެ އާންމު ބައެއް ކެޓަގަރީތަކަށް ވާދަކުރަން "އާރްއާރްއާރް" ވަނީ ހުށަހަޅައިފަ އެވެ.