ޓެކްސް ބޮޑު ކުރާ ބިލަށް ވޯޓަށް ނާހާ މިއަދުވެސް މަޖިލީހުގެ ޖަލްސާ ނިންމާލުމުން، އެމްޑީޕީގެ ސަރުކާރަށް ތާއީދު ކުރާ މެންބަރުން މުލިއާގޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު މިއަދު މެންދުރު ފަހު ކުއްލި ބައްދަލުވުމެއް ބާއްވައިފި އެވެ.

އެ ބައްދަލުވުމުގައި މެންބަރުން ވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ކަންކަން ހިންގަވާ ގޮތުގެ ޝަކުވާ ރައީސަށް ދަންނަވާފަ އެވެ.

މެންބަރުން ބަހުސް ކުރަމުންދާ ވަގުތު ނަޝީދު އެ ބަހުސްގައި ބައިވެރިވެވަޑައިގެން މައުލޫއާ ގުޅޭ ގޮތުން އެމަނިކުފާނުގެ ހިޔާލު ފާޅު ކުރެއްވުމާއި ވަގުތު ދިނުމުގައި ތަފާތު ކުރުން ގެންގުޅޭ މައްސަލާގައި ވެސް ބައެއް މެންބަރުން މިއަދު ވަނީ ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

އޭގެ އިތުރުން ސަރުކާރުން ފޮނުވާފައިވާ ޓެކްސް ބޮޑު ކުރުމުގެ އިސްލާހު ފާސް ސަރުކާރު ފެކްޝަންގެ މެންބަރުން މަސައްކަތް ކުރެއްވި ނަމަވެސް އިއްޔެ އާއި މިއަދު ވެސް އެ ބިލަށް ވޯޓަށް ނާހައި ރިޔާސަތުން ވަނީ މަޖިލިސް ނިންމާލައިފަ އެވެ.

މިއަދުގެ ޖަލްސާ ނިންމާލުމާއެކު 30 އަށްވުރެ ގިނަ އެމްޑީޕީ މެންބަރުން ވަނީ މުލިއާގެއަށް ވަޑައިގެން އެ މެންބަރުންގެ ޝަކުވާތައް ރައީސްއަށް ދަންނަވާފަ އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހަންމަދު އަސްލަމް ވިދާޅުވީ މެމްބަރުންގެ ޝަކުވާތައް ރައީސާ ހިއްސާ ކުރެއްވި ކަމަށާއި ވަކި ގޮތަކަށް ކަންކަން ކުރާކަށް ރައީސް އިރުޝާދު ދެއްވާފައި ނުވާ ކަމަށެވެ. އަދި ނިންމާ ގޮތެއް ނިންމާ ގޮތެއް ނިންމާނީ ޕީޖީ ގުރޫޕުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ބައެއް މެންބަރުން މަޖިލީސް ރައީސް މަގާމުން ވަކިކުރަން ވެސް ހުށަހެޅުއްވި. މަޖިލިސް ގަވައިދު އިސްލާހު ކުރަން ވެސް ހުށަހެޅުއްވި. އެކަމަކު ވަކި ގޮތެއް ނުނިންމާ،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ، ރައީސް ސޯލިހް ބޭނުންފުޅު ވަނީ މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ވެސް ކުރަން ޖެހޭ އިހްތިރާމްކޮށްގެން ޓެކްސް ބޮޑު ކުރާ ބިލު ވީހާ ވެސް އަވަހަކަށް ފާސް ކުރުމަށެވެ.

އެމްޑީޕީގެ އެހެން މެންބަރަކު ވިދާޅުވީ ނަޝީދު މައްސަލާގައި ފަންސަވީހަކަށް މެންބަރުންގެ ހުރި ޝަކުވާތައް ރައީސް އާ ހިއްސާ ކުރައްވާފައިވާ ކަމަށެވެ.

"ރައީސް ވިދާޅުވި މެންބަރުން މަޝްވަރާ ކޮށްގެން ގޮތްތަކެއް ނިންމައި ކުރިޔަށް ގެންދަން،" އޭނާ ވިދާޅުވި އެވެ.

އެމްޑީޕީ ތެރޭގައި ރައީސް އާދި ނަޝީދު ދެމެދު އުފެދިފައިވާ ހިޔާލު ތަފާތުވުންތަކާ އެކު މަޖިލީހުގައި ވެސް ދެ ފެކްޝަން މަސައްކަތް ކުރަނީ ވަކިންނެވެ.

ޓެކްސް ބިލު ފާސް ކުރުމަށް ހުރަސް އަޅަމުންދާ ކަމަށް މެންބަރުން ތުހުމަތު ކުރާ އިރު އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި އާމްދަނީ ހޯދަން ސަރުކާރުން ހިމަނާފައި ވަނީ ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑު ކޮށްގެނެވެ.

ޓެކްސް ބޮޑުކުރަން ތާވަލްކޮށްފައިވުމުން އިދިކޮޅު ޕީޕީއެމް އިން ވަނީ އިއްޔެ އާއި މިއަދު މަޖިލީހުގެ އިދާރާ ކައިިރިއަށް އެއްވެ، އެކަމާ ދެކޮޅަށް އަޑު އުފުލާފަ އެވެ.