ވޯރްސޯ (16 ނޮވެމްބަރު) ޔޫކްރެއިންއާ ބޯޑަރު ހިއްސާކުރާ ޕޮލެންޑްގެ އިރުމަތީ އަވަށެއްގައި ރޭ ބާރުގަދަ ގޮވުމެއް ގޮވައި ދެ މީހަކު މަރުވެއްޖެ އެވެ.
އެ ގޮވުން ގޮވި ވަގުތު ދިމާވެފައި ވަނީ ރަޝިއާއިން ޔޫކްރެއިނަށް މިސައިލް ހަމަލާތަކެއް ދިން ވަގުތަކާ އެވެ. އެހެން ކަމުން ޕޮލެންޑްގައި ގޮވި ގޮވުމަކީ ރަޝިއާގެ މިސައިލެއް އަމާޒުވެގެން ގޮވި ގޮވުމެއް ކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވި އެވެ.
ޕޮލެންޑްގެ ގޮވުމަކީ ރަޝިއާގެ މިސައިލްތަކެއް އަމާޒުވެ ގޮވި ގޮވުންތަކެއް ކަމަށް ބުނެވުނު ނަމަވެސް އެމެރިކާގެ ޕަންޓެގަން އިން ވަނީ އެކަން އަދި ޔަގީން ނުވާ ކަމަށް ބުނެފަ އެވެ.
މި ގޮވުމާއެކު ޕޮލެންޑުން ވަނީ އަޅަން ޖެހިދާނެ ފިޔަވަޅަކަށް އެގައުމުގެ އަސްކަރިއްޔާ ތައްޔާރީ ހާލަތަށް ގެނެސްފަ އެވެ. އަދި ހަމައެއާއެކު މި މައްސަލަ ނޭޓޯއިން ވެސް ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް އެ ޖަމާއަތުން ވެސް ވަނީ ބުނެފަ އެވެ.
މިކަމާ ގުޅިގެން ރަޝިއާއިން ބުނެފައިވަނީ ޕޮލެންޑްގެ އަމާޒަށް ރަޝިއާއިން އެއްވެސް ހަމަލާއެއް ފޮނުވާފައި ނުވާނެ ކަމަށާއި އެ ގޮވުންތަކާއި ރަޝިއާގެ މިސައިލްތަކާ އެއްވެސް ގުޅުމެއް ނުވާ ކަމަށެވެ.
މީގެ އިރުކޮޅެއް ކުރިން އެމެރިކާއިން ބުނެފައި ވަނީ ޕޮލެންޑަށް ވެއްޓުނު މިސައިލަކީ ރަޝިއާއިން ފޮނުވާލި މިސައިލުން ދިފާއުވާން ޔުކްރެއިނުން ފޮނުވާލި މިސައިލެއް އަމާޒުން ކައްސާލައިގެން ގޮސް ވެއްޓުނު އެއްޗެއް ކަމަށެވެ. -- އަލް އަރަބިއްޔާ