ދޯހާ (21 ނޮވެމްބަރު) – ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި މިރޭ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ގަތަރުގެ އަތުން 2-0 އިން މޮޅުވެ، އިކުއެޑޯ ފެށުން ރަނގަޅުކޮށްފި އެވެ.
ވޯލްޑް ކަޕް މުބާރާތް ބާއްވާ ފުރަތަމަ އަރަބި ގައުމު ޝަރަފު ހޯދި ގަތަރުގެ ޓީމުން މުބާރާތަށް ތައްޔާރުވުމަށް ހަ މަސް ދުވަހުގެ ކޭމްޕެއް ފުރިހަމަކޮށް، ރަނގަޅަށް ތައްޔާރުވި ނަމަވެސް މިރޭގެ މެޗުގައި އެ ޓީމުގެ ފަރާތުން ފެނުނީ ވަރަށް އާދައިގެ ކުޅުމެކެވެ. ހުރިހާ ގޮތަކުން ވެސް އިކުއެޑޯ ފެނުނީ ގަތަރަށްވުރެ ވަރުގަދަކޮށެވެ. މިއީ ވޯލްޑް ކަޕްގެ ތާރީހުގައި ވެސް، މުބާރާތް ބާއްވާ ގައުމެއް މުބާރާތުގެ އޯޕަނިން މެޗަކުން ބަލިވި ފުރަތަމަ ފަހަރެވެ.
ކުލަގަދަ ހުޅުވުމުގެ ރަސްމިއްޔާތަކަށް ފަހު އަލް ބައިތު ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ކުރީކޮޅު އިކުއެޑޯ ކެޕްޓަން އެނާ ވެލެންސިއާ ގޯލުގެ ތެރެއަށް ބޯޅަ ވައްދާލި ނަމަވެސް، އޮފްސައިޑްވުމުން އެ ލަނޑު ގަބޫލެއްނުކުރި އެވެ.
އެކަމަކު މެޗުގެ 15 ވަނަ މިނިޓުގައި ގަތަރުގެ ގޯލްކީޕަރު ސާދު އަލް ޝީބް ޕެނަލްޓީ އޭރިޔާ ތެރެއިން ވެލެންސިއާ އަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، ވެލެންސިއާ ވަނީ އިކުއެޑޯ އަށް ލީޑު ނަގައިދީފަ އެވެ.
މެޗުގެ 31 ވަނަ މިނިޓުގައި ވެލެންސިއާ ވަނީ އިކުއެޑޯ އަށް ދެވަނަ ލަނޑެއް ކާމިޔާބުކޮށްދީފަ އެވެ. ޕެނަލްޓީ އޭރިޔާ ތެރެއިން މި ފަހަރު ވެލެންސިއާ ގޯލަށް ބޯޅަ އަމާޒުކޮށްލީ ބޮލުންނެވެ.
ފުރަތަމަ ހާފު ނިމުމާއެކު، ގަތަރުގެ ގިނަ ސަޕޯޓަރުން ވަނީ މެޗު ދޫކޮށް ގޮސްފައެވެ. އެހެންކަމުން މެޗުގެ ދެވަނަ ހާފު ކުރިއަށްދިޔައިރު، ދަނޑުގެ ބޮޑު ބައެއް އޮތީ ހުސްވެފަ އެވެ.
"ކުޅުންތެރިން މާ ބޮޑަށް ފިނިވީ،" މެޗަށް ފަހު ގަތަރުގެ ކޯޗު ފޭލިކްސް ސަންޗޭޒް ބުންޏެވެ. "މެޗު ފެށުނީ ވަރަށް ގޯސްކޮށް."
ގުރޫޕް އޭގައި ގަތަރަށް ބާކީ ދެން އޮތީ އެފްރިކާ ޗެމްޕިއަން ސެނެގާލް އާއި ނެދަލޭންޑްސްއާ ދެކޮޅަށް ކުޅޭ ދެ މެޗެވެ. އެހެންކަމުން، ގަތަރަށް މުބާރާތުގައި އިތުރަށް ކުރިއަށް ދިއުމަށް ދެން އޮތީ އުނދަގޫ މަގެކެވެ.
މުޅި މެޗުގައި ވެސް، އިކުއެޑޯގެ ގޯލަށް ގަތަރަށް އެންމެ ޝޮޓެއް ވެސް އަމާޒުކޮށްލެވޭ ގޮތެއްނުވި އެވެ.