މީގެ 19 އަހަރު ކުރިން، ފޮޓޯގްރާފަރެއް ކަމަށްވާ ޖޯން މޮންފޯޓް ޗެރިޓީ ކަލަންޑަރަކަށް ނެގި ފޮޓޯ ޝޫޓެއްގައި އޭރު އުމުރުން 20 އަހަރުގެ ލިއޮނެލް މެސީ ތުއްުތު ކުއްޖަކާއެކު ފޮޓޯއެއް ނެގި އެވެ. އޭރު މެސީއަކީ މިއަދު ފުޓްބޯޅައިގައި އޭނާއަށް ލިބިފައިވާ މަގާމުގައި ހުރި ކުޅުންތެރިއެއް ނޫނެވެ. އަދި މެސީއާއެކު އެ ފޮޓޯ ޝޫޓްގައި ބައިވެރިވި ތުއްތު ކުއްޖާގެ ހާއްސަކަމެއް އޭރު ނެތެެވެ. މި ފޮޓޯ 2024 ވަނަ އަހަރު ވައިރަލްވުމުގެ ކުރިން، ޖޯން މޮންފޯޓް ނެގި މި ފޮޓޯއަށް މާ ބޮޑު ސަމާލުކަމެއް ނުލިބުނެވެ. އެކަމަކު އެ ފޮޓޯގައި ބާތު ޓަބެއްގައި އޮތް ހަ މަހުގެ ތުއްތު ކުއްޖަކީ ސްޕެއިންގެ ތަރި ލަމީން ޔަމާލެވެ. އާދިއްތަ ދުވަހު ކުޅޭ ވޯލްޑް ކަޕްގެ ފައިނަލްގައި މެސީގެ އާޖެންޓީނާއާ ދެކޮޅަށް ނުކުންނަ ސްޕެއިންގެ އެންމެ މުހިންމު އެއް ތަރި އެވެ.

ދެހާސް ހަތް ވަނަ އަހަރު ނެގި އެ ފޮޓޯ ޝޫޓްގައި ޔަމާލް ބައިވެރިކުރުމަށް އޭނާގެ މަންމައަށް ފުރުސަތު ލިިބުނީ ގުރުނަގައިގެނެވެ. އޭގެ 19 އަހަރުގެ ފަހުން، މެސީއާ ދެކޮޅަށް ޔަމާލް ވޯލްޑް ކަޕެއްގެ ފައިނަލެއްގައި ނުކުމެދާނެ ކަމަށް އޭރު ގަބޫލް ނުކުރެވިދާނެ އެވެ. ޔަމާލްގެ ފުޓްބޯޅައިގެ ކެރިއަރުގެ ފެށުން ވެސް އޮތީ މެސީއާ އެއް މަގެއްގަ އެވެ. ބާސެލޯނާގެ އެކަޑަމީން ތަމްރީނުވެ، މިހާރު ބާސެލޯނާގެ ސީނިއާ ޓީމުގައި ޔަމާލް ބޭނުންކުރަނީ އެ ކްލަބުގައި މެސީ އެތައް އަހަރެއް ވަންދެން ބޭނުން ކުރި "10" ނަމްބަރު ޖޯޒީ އެވެ.

މީގެ 19 އަހަރު ކުރިން ނެގި އެ ފޮޓޯއާ ބެހޭ ގޮތުން މެސީ ވަނީ އިއްޔެ ފުރަތަމަ ފަހަރަށް ވާހަކަދައްކައިފަ އެވެ. މެސީ ،39، ބުނީ ޔަމާލް ތުއްތުއިރު އޭނާއާއެކު ފޮޓޯއެއް ނަގައި، އޭގެ އެތައް އަހަރެއް ފަހުން ވޯލްޑް ކަޕްގެ ފައިނަލެއްގައި އޭނާއާ ދެކޮޅަށް ކުޅެން ޖެހުމަކީ "ގަބޫލްކުރަން ދަތި" ކަމެއް ކަމަށެވެ.

"ޔަމާލްއާއެކު އެ ފޮޓޯ ނެގިއިރު އޭނާއަކީ ބޭބީއެއް. މިހާރު އަހަރަމެން ދެ މީހުން މި ބައްދަލުކުރަނީ ވޯލްޑް ކަޕްގެ ފައިނަލެއްގައި. މިއީ ގަބޫލްކުރަން ވެސް ދަތި ކަމެއް،" އެމެރިކަން ފުޓްބޯލްގެ ލެޖެންޑް ޓޮމް ބްރޭޑީއާ ހުކުރު ދުވަހު ވާހަކަދައްކަމުން މެސީ ބުންޏެވެ.

މެސީ ވަނީ ޔަމާލަށް ވަރަށް ބޮޑަށް ތައުރީފްކޮށްފަ އެވެ. އަދި ޔަމާލަކީ އޭނާ ވަރަށް ގާތުން ބަލާ ކުޅުންތެރިއެއް ކަމަށް މެސީ ބުންޏެވެ.

"ޔަމާލްއަކީ މި ވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ. އަހަރެން ޔަމާލް ވަރަށް ގާތުން ބަލަން. އެއީ ޔަމާލް ކުޅެމުންދަނީ އަހަރެން ވަރަށް ލޯބިވާ ކްލަބަކަށް. ޔަމާލްގެ ކެރިއަރުގައި އަހަރެން އޭނާއަށް އެދެނީ ކާމިޔާބު. އަދި އޭނާގެ އުމުރުން 19 އަހަރު. ކެރިއަރުގެ ބޮޑު ބައި އޮތީ ކުރިއަށް،" ބާސެލޯނާގެ ކުރީގެ ކެޕްޓަން މެސީ ބުންޏެވެ.

ވޯލްޑް ކަޕްގެ ފައިނަލްގައި މާދަމާ ރޭ ސްޕެއިންއާ ދެކޮޅަށް އާޖެންޓީނާ ނުކުންނާނީ ތަށި ދިފާއު ކުރުމަށެވެ. މެސީ ބުނީ ފައިނަލްގައި ޔަމާލް ހިފަހައްޓަން އާޖެންޓީނާގެ ޓީމުން ސަލާމުކަން ދޭނެ ކަމަށެވެ.

"އަހަރަމެން ވަރަށް ބަލާނަން އެންމެ ރަނގަޅަށް ކުޅެ، ޔަމާލް ހިފަހައްޓަން. އެކަމަކު އެއީ ފަސޭހަކަމަކަށް ނުވާނެ. ސްޕެއިންގައި މޮޅެތި ކުލުންތެރިން އެބަތިބި. އަދި ވަރަށް ރަނގަޅު ކުޅުމެއް އެ ޓީމުން ދައްކާ،" މެސީ ބުންޏެވެ.