ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ގާލްގައިޑް ހަރަކާތުގެ އެންމެ ޝަރަފްވެރި ބެޖް، "ޕްރެޒިޑެންޓްސް ބެޖް" ހާސިލްކުރި ފާތިމަތު ޔުމްނާ އާތިފަށް ބެޖް ހަވާލުކޮށްދެއްވައިފި އެވެ.

މިރަސްމިއްޔާތު އޮތީ މިއަދު މެންދުރު ރައީސުލްޖުމްހޫރިޔާގެ އޮފީހުގަ އެވެ.

"ޕްރެޒިޑެންޓްސް ބެޖް" ހަވާލުކުރުމުގެ މިރަސްމިއްޔާތުގައި، ޗީފް ގައިޑް، އަދި ރައީސްގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، ގާލްގައިޑް އެސޯސިއޭޝަންގެ ރައީސާ އަދި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޢަލީ އާއި، ޗީފް ކޮމިޝަނަރު ނިއުމާތު ޝަފީގު ބައިވެރިވެވަޑައިގެންނެވި އެވެ.

"ޕްރެޒިޑެންޓްސް ބެޖް" ހާސިލްކުރި، ޔުމްނާއަށް ބެޖް ހަވާލުކޮށްދެއްވުމަށްފަހު، ރައީސް ވަނީ، މަރުޙަބާ ވިދާޅުވެ ބެޖް ހާސިލްކުރުމަށް ޔުމްނާ ކުރި މަސައްކަތަކަށް ތައުރީފް ކުރައްވާފަ އެވެ. އަދި ގާލްގައިޑް ހަރަކާތަކީ ސްކޫލުތަކުގެ ހިންގޭ ވަރަށް މުހިއްމު ބޭނުންތެރި ހަރަކާތެއްކަމުގައި ވެސް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސްގެ ވާހަކަފުޅުގައި ވަނީ، 1998 ވަނަ އަހަރު، "ޕްރެޒިޑެންޓްސް ބެޖް" ތައާރަފްކުރެވުނު ފަހުން، ޔުމްނާއަކީ މިބެޖް ލިބުނު 14 ވަނަ ދަރިވަރުކަން ފާހަގަކުރައްވާފަ އެވެ. އަދި މިއީ އަތޮޅުތެރޭގެ ސްކޫލަކުން ގާލްގައިޑަކު، މިބެޖް ހާސިލްކުރި ފުރަތަމަ ފަހަރުކަން، ފާހަގަކުރައްވައި، ޔުމްނާ ތަޢުލީމް ހާސިލްކުރި ބ އަތޮޅު ތަޢުލީމީ މަރުކަޒަށް ވެސް ޔުމްނާ ހޯދައި މިދިނީ ފަޚުރުވެރި ޝަރަފެއްކަމުގައި ރައީސް ވިދާޅުވި އެވެ.

ގާލްގައިޑް ހަރަކާތުގައި ދެވޭ އެންމެ ޝަރަފްވެރި ބެޖް ކަމުގައިވާ، "ޕްރެޒިޑެންޓްސް ބެޖް" ހާސިލްކުރި، ޔުމްނާ ވަނީ، އެބެޖްގެ އިތުރުން، ގަރލްގައިޑު ހަރަކާތުގެ 31 ބެޖެއް ހާސިލްކޮށްފަ އެވެ.