ދެ މެޖިސްޓްރޭޓް ކޯޓަކަށް ފަނޑިޔާރުން އައްޔަނުކޮށްފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފަނޑިޔާރުން އައްޔަނު ކޮށްފައިވަނީ ދ.ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށާއި ށ.ފުނަދޫ މެޖިސްޓްރޭޓް ކޯޓަށެވެ.

މި ދެކޯޓަށް ފަނޑިޔާރުން އައްޔަން ކޮށްފައިވަނީ މިއަދު ޖޭއެސްސީގައި ބޭއްވި ރަސްމިއްޔާތުގައެވެ.

ދ.ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށް އައްޔަންކުރައްވާފައިވަނީ މ.ވޭވަށް، ކޯނަރ، އަލްއުސްތާޒު ޔާސިރު މުހައްމަދެވެ.

ޔާސިރު މުހައްމަދު ވަނީ ވިލާ ކޮލެޖުން ބެޗްލަރ އޮފް ޝަރިއާ އެންޑް ލޯ ހާސިލް ކުރައްވާފަ އެވެ. ތިން އަހަރު ޝަރުއީ ދާއިރާގައި ހޭދަކުރައްވާފައިވާ، ޔާސިރު މުހައްމަދު މިހާތަނަށް ހުންނެވީ ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އޮފިސަރުގެ މަގާމުގަ އެވެ.

ފުނަދޫ މެޖިސްޓްރޭޓް ކޯޓަށް އައްޔަންކުރައްވާފައިވަނީ ރ.މަޑުއްވަރީ، ރުވާގުގެ، އަލްއުސްތާޒު އިބްރާހިމް ނައީމް އެވެ.

އިބްރާހިމް ނައީމް ވަނީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީން ބެޗްލަރ އޮފް ޝަރިއާ އެންޑް ލޯ އަދި ވިލާ ކޮލެޖުން މާސްޓަރ އޮފް ޝަރިއާ އެންޑް ލޯ ހާސިލް ކުރައްވާފަ އެވެ. ފަސް އަހަރު ޝަރުއީ ދާއިރާގައި ހޭދަކުރައްވާފައިވާ އިބްރާހީމް ނަޢީމް މިހާތަނަށް ހުންނެވީ ކ.ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އޮފިސަރުގެ މަގާމުގަ އެވެ